ދައުލަތުގެ ލިޔެކިއުން ބަދަލުކުރާ ނެޓްވޯކް، އީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމް) ކަނޑާލުމަށް އުއްތަމަ ފަނޑިޔާރު އެންގެވިކަމަށް ސިއްރު ހެކިވެރިޔަކު މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސްދީފިއެވެ.
އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލަފައިވާ ގަސްދުގައި ސަރުކާރު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާގެ އަޑުއެހުމުގައި ދައުލަތުން ހުށަހެޅި ސިއްރު ތިން ހެކިވެރިންގެ ތެރެއިން ހެކިވެރިޔަކު ބުނީ ޖެމްސް މެދުކަނޑާލުމަށް އުއްތަމަ ފަނޑިޔާރު އެންގެވިކަމަށެވެ. އެގޮތުން ފޯނުކޮށް އެކަން ކުރުމަށް އެންގުމުގެ އިތުރުން "ފޭސްޓު ފޭސްކޮށް"ވެސް އެންގެވިކަމަށެވެ.
އެގޮތަށް އުއްތަމަ ފަނޑިޔާރު އަންގަވާފައިވަނީ ފެބްރުއަރީ 4، އަދި 5 ވަނަ ދުވަހު ހަވީރުކަމަށެވެ.
މީގެ އިތުރުން ހެކިބަސްދިން އެހެން މީހަކު އަޑު ބަދަލުކޮށް ބުނީ ޖެމްސް ކަނޑާލަން އުއްތަމަ ފަނޑިޔާރު އަންގަވައިގެން އޮފީހުގެ އިސްވެރިޔަކު އެންގި ކަމަށެވެ. އަދި އެގޮތަށް އެންގުމުން ފެބްރުއަރީ 4 ވަނަ ދުވަހު ހެނދުނާއި 5 ވަނަ ދުވަހު ހިދްމަތް ކެޑިކަމަށެވެ.
މިއަދު ތިންވަނަ ހެކި ވެރިޔަކީ ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ މުއައްޒަފެއްގެ އެވެ.
އޭނާވަނީ އެދުވަހު ސްޕުރީމް ކޯޓުގެ ޖެމްސް "އަޕް"ވެފައި "ޑައުންވާ" ކަމަށް ފާހަގަ ކުރެވި އެކަން ސުޕުރީމް ކޯޓުގައި ޖެމްސް ބަލަހައްޓާ ފޯކަލް ޕޮއިންޓަށް ގުޅައި ސާފު ކުރިކަމަށް ބުނެ ހެކިބަސް ދީފައެވެ. އަދި އެގޮތަށް ގުޅުމުން އެކަމާއި ހަވާލުވެ ހުރި މުވައްޒަފު "އަންޑަސްޓޭޑް" ވާނެކަމަށް ހީކުރަމޭ ބުނެ ފޯނު ކަނޑާލާފައިވާ ކަމަށެވެ.
ގާތްގަޑަަކަށް ތިން ގަޑިއިރަށް ދިގު ދެމިގެން ދިޔަ ޝަރީއަތް މިއަދު ނިންމަވާލެއްވީ ދެން އޮންނަ އަޑުއެހުމެއްގައި ދިފާއީ ހެކިންގެ ހެކިބަސް ނަގާނެކަމަށް ގާޒީ ވިދާޅުވުމަށްފަހުއެވެ.