އެމްޑީޕީގެ އެއްވުމެއްގެ ބައިވެރިންނަށް މާސްކު ބެހީ ފުލުހުން އާދަޔާ ހިލާފަށް ޕެޕަރ ސްޕްރޭ ޖަހާތީ އާއްމުންގެ ރައްކަލަކަށް ކަމަށާއި، އެއީ ގާނޫނީ ކުށެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
މަހްލޫފުގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ އިބްތިދާއީ ފުރަތަމަ އަޑުއެހުމުގައި މަހްލޫފް ވިދާޅުވީ ފުލުހުން ހާލަތާއި ނުބައްދަލު ބާރު ބޭނުންކޮށް އާއްމު ރައްޔިތުން ގަޔަށް ޕެޕަރ ސްޕްރޭ ޖަހާކަން ހިއުމަން ރައިޓްސް ކަމިޝަނުގެ ރިޕޯޓުގައިވެސް ފާހަގަ ކޮށްފައިވާ ކަމަށާއި، އެފަދަ ހާލަތެއްގައި ރައްކާތެރިވުމުގެ ގޮތުން މާސްކު ބޭނުން ކުރެވޭނެކަމަށެެވެ.
މުޒާހަރާތަކުގައި މާސްކު ބޭނުން ކުރަމުން އަންނަކަމަށް ވިދާޅުވެ، މަހްލޫފު ވިދާޅުވީ މުޒާހަރާގެ ބައިވެރިންނަށް 400 އެއްހާ މާސްކު އޭނާ ބެހިކަމަށެވެ. އަދި އެއީ ގާނޫނީ ކުށެއްތޯ ދައުލަތުގެ ވަކީލް އާއި މަހްލޫފު ސުވާލު ކުރެއްވިއެވެ.
މަހްލޫފު ވިދާޅުވީ، މާސްކު ބެހީ އޭނާ އެކަނި ނޫންކަމަށާއި، ފާޠުން ނަމަކަށް ކިޔާ މީހަކުވެސް އެދުވަހު މާސްކު ބެހި ކަމަށެވެ.
މަހްލޫފުގެ މައްޗަށް ދައުވާ ކުރަނީ ފެބްރުއަރީ 22 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާ ތެރެއިން ޓްރެފިކަށް ދަތިވާ ގޮތަށް މަހްލޫފު މާސްކު ބެހަމުންދަނިކޮށް އެސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އެންގުމުން އެތަނުން ނުދިއުމުންކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
މިވާހަކަތަކަށް ރައްދު ދެއްވައި މަހްލޫފު ވިދާޅުވީ، އޭނާ ހައްޔަރުކުރީ މަގުމަތިން ނޫން ކަމަށާއި، އެމްޑީޕީ ހަރުގެ ތެރޭގައި ހުއްޓާ ކަމަށެވެ. މިއަދުގެ އަޑުއެހުމުގައި މަހްލޫފުގެ ވަކީލް ނާޒިމް ސައްތާރު ވިދާޅުވީ މަހްލޫފު ހައްޔަރު ކުރީ ކޯޓު އަމުރެއް ނެތި ކަމަށާއި، މަޖްލިސް މެމްބަރުންގެ އިމްތިޔާޒު ގާނޫނާއި ހިލާފަށް ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމާލާފައިވަނީ މަހްލޫފު ޝަރީއަތަށް ހުށަހަޅަން ބޭނުންފުޅު ލިޔެކިއުންތައް ހުށަހެޅުމަށް ހަތް ދުވަހުގެ މުއްދަތެއް ދެއްވުމަށް ފަހުއެވެ.