އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މިމަހުގެ 30 ވަނަ ދުވަހު ބާއްވަން އެޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފިއެވެ.
އެމްޑީޕީގެ 162 ގައުމީ މަޖިލީހުގައި ރިޔާސީ ޕްރައިމަރީގެ މައްސަލަ އާއި ގުޅޭ ގޮތުން ބަހުސް ކުރުމަށްފަހު ނިންމާފައިވަނީ މިމަހުގެ 15 ދުވަހު ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމަށެވެ.
ރައީސް މުހައްމަދު ނަޝީދު ގައުމީ މަޖްލިސްއަށް ހުށަހެޅި ގަރާރަށް މެމްބަރުން ބަހުސް ކުރެއްވުމަށްފަހު ގައުމީ މަޖްލިސްއަށް ހާޒިރުވެވަޑައިގެންނެވި 85 މެމްބަރުންގެ ތެރެއިން 72 މެމްބަރަކު ވަނީ ގަރާރު ފާސް ކުރުމަށެވެ. މިގަރާރުގައި، ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހާއި، ރިޔާސީ ޕްރައިމަރީން ހޮވޭ މެމްބަރަކަށް އިންތިހާބްގައި ވާދަކުރެވޭ ގޮތް ނުވެއްޖެނަމަ ދެން އަމަލު ކުރާނެ ގޮތް ނިންމުމުގެ ބާރު ގައުމީ މަޖްލިސްއަށް ވަނީ ދީފައެވެ.
އެމްޑީޕީގެ ޕްރައިމަރީ މިމަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމިއިރު ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އަދި މިހާތަނަށް އިއްލާން ކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. ނަޝީދުވަނީ އެމަނިކުފާންގެ ކެމްޕެއިން މެނޭޖަރު ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމް ހަމަޖައްސަވާފައެވެ.
ނަޝީދު އެމްޑީޕީ ޕްރައިމަރީއަށް ކުރިމަތި ލައްވާއިރު އެމަނިކުފާން ގެންދަވަނީ ޓެރަރިޒަމް ކުށް ސާބިތުވެ 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ފަރާތަކަށް ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުޠު ފުރިހަމަ ނުވެއެވެ.