Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ސަރުކާރުން ދޭ ނުފެންނަ ގެއްލުން މާ ބޮޑު: ރޮޒޭ

ރޮޒެއިނާ އާދަމް ނޫސް ކޮންފަރެންސެއްގައި، ފޮޓޯ: ވީނިއުސް

ރައީސް އަބްދުﷲ ޔަމީންގެ ސަރުކާރުން ގެންނަނީ ނުފެންނަ ތަރައްޤީ ނޫންކަމަށާއި، އޭގެ ބަދަލުގައި ގައުމަށް ދެމުންދާ ނުފެންނަ ގެއްލުން މާ ބޮޑުކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖްލިސް މެމްބަރ ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެެވެ.

އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ރައީސް ޔާމީންގެ ކިބައިން ގައުމު ސަލާމަތް ނުކުރެވިއްޖެ ނަމަ ގައުމަށް ލިބޭނެ ގެއްލުން މާ ބޮޑު ކަމަށާއި މިހާރުވެސް ނުފެންނަ އެތައް ގެއްލުންތަކެއް ދެމުން އަންނަ ކަމަށެވެ.

ޕީޕީއެމްއިން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްގައި އެޕާޓީގެ ނައިބް ލީޑަރ ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުﷲ އަބްދުއް ރަހީމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ދިވެހި ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ގެންނެވީ ހަމައެކަނި އުމްރާނީ ތަރައްގީ ނޫން ކަމަށާއި، މިސަރުކާރުން ނުފެންނަ ތަރައްގީ ވެސް ގެނެސްދީފައިވާ ކަމަށެވެ.

އަބްދުއް ރަހީމްގެ އެވާހަކަތަކަށް ރައްދު ދެއްވައި ރޮޒެއިނާ ވިދާޅުވީ ތައުލީމީ ދާއިރާގައި 10 އަހަރު މަސައްކަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން މިއަދު ރާއްޖޭގެ އެޑިއުކޭޝަން ސިސްޓަމް އޮތްގޮތުން ލިބެމުންދާ ގެއްލުން ބޮޑު ކަމަށެވެ. އަދި މިއަދު އެޑިއުކޭޝަން ހިންގަމުންދާ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ކިޔަވާ ކުދިންނަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާނެ ކަމަށެވެ.

އެގޮތުން މިހާރު ނަގާ ބައެއް ޓެސްތް ތަކުގެ ނަތީޖާ ރިޕޯޓު ފޮތަށް ނޭރުވުމާއި، ބެލެނިވެރިންނާއި ޓީޗަރުން ބައްދަލު ނުކުރެވޭ ގޮތް ހަދާފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ މިއަދި ބޮޑީ ގާޑުން ކައިރީގައި ބައިތިއްބައިގެން ވެރިކަން ކުރެވުނަސް މާދަމާ ވެރިކަން ގެއްލޭ އިރަށް އެންމެން ދުވެ ފިލާނެކަމަށެވެ. އަދި އޭރުން ރައީސް ޔާމީން ހުންނަވަން ޖެހޭނީ ގިނިކަންޏާކަމަށެވެ.