Last Updated: June 10, 20:48
Wednesday, June 10, 2026
ވިޔަފާރި

އެމްއައިބީ އައްޑޫ ބްރާންޗް ހުޅުވުން ސެޕްޓެމްބަރުގައި

އައްޑޫގައި ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބްރާންޗް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން މިގޮތަށް ބުނެފައި ވަނީ އެ ބޭންކްގެ ޓީމަކާ މިއަދު ކައުންސިލް އިދާރާގައި މަޝްވަރާ ކުރުމަށް ފަހު އެވެ. އެގޮތުން އެމްއައިބީގެ ހެޑް އޮޕަރޭޝަން ރަޒާލީ ހަސަން އާ ހަވާލާ ދީ ކައުންސިލުން ބުނީ އެމްއައިބީގެ ބްރާންޗް ސެޕްޓެމްބަރު މަހު ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.

ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި އެމްއައިބީގެ އައްޑޫ ބްރާންޗް ހުޅުވާނީ ހިތަދޫ ބޮޑު ގައި އެސްޓީއޯ އިން ކުރިން ސްޕަމާޓް ހިންގި އިމާރާތުގަ އެވެ.

ކައުންސިލުން ބުނީ އެމްއައިބީގެ ބްރާންޗެއް އައްޑޫގައި ވީ އެންމެ އަވަހަކަށް ހުޅުވޭނެ ގޮތެއް ވުމަކީ ކައުންސިލުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށެވެ.

ސަބަބަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ޓޫރިޒަމްގެ އިތުރުން ހައުސިން ދާއިރާ އިން ވެސް އައްޑޫގައި އިންވެސްޓް ކުރަން އިންވެސްޓަރުން މި ދަނޑިވަޅުގައި ޝައުގުވެރިކަން ފާޅު ކުރަމުން ދިއުމެވެ.