Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ފުލުހުންނަކީ ރައްޔިތުންގެ ހީރޯއިން: އަޒްލީން

ފުލުހުންނަކީ ރައްޔިތުންގެ ހީރޯއިން ކަމަށާއި ކޮންމެ ވަގުތެއްގައިވެސް ފުލުހުންގެ ޕްރޮފެޝަނަލްކަން ހިފަހައްޓަން ޖެހޭނެކަމަށް ހޯމް މިިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް، އައިލްސްއިން ހިންގި 2 ކޯހެއްގެ ދަސްވެނިވުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަޒްލީން ވިދާޅުވީ ރައްޔިތުންގެ މެދުގައި ފުލުހުންގެ މުއައްސަސާއަށް އޮންނަ އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމަކީ ކޮންމެ ފުލުހެއްގެ މައްޗަށްވެސް އޮތް ޤައުމީ ވާޖިބެއްކަމަށެވެ.

އަޒްލީން ވިދާޅުވީ ޤާނޫނު އަސާސީ ނެގެހެއްޓުމުގެ އެންމެ މުހިއްމު ޒިންމާ ކޮނޑުގައި އެޅިފައިވާ އެއް ފަރާތަކީ ފުލުހުންކަމަށެވެ. އަދި ޤައުމަށް ކަމެއް ދިމާވާ ކޮންމެ ދަނޑިވަޅެއްގައިވެސް އެ އިރެއްގައި އޮންނަ ސަރުކާރަކާއި، އާއްމު ފަރުދުން އެންމެ ބޮޑަށް ބަރޯސާވާ އެއް މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާކަމަށެވެ.

އެހެންކަމުން ކޯހުން ދަސްވި އެއްޗެއްގެ ބޭނުން ހިފައިގެން ސިޔާސީ ހިޔާލު ތަފާތުވުންތަކުން އެއް ކިބާވެ، ޕްރޮފެޝަނަލް ކަމާއެކު މަސައްކަތް ފުލުހުން ކުރަންޖެހޭނެކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ އައިލްސްއިން ކުރިއަށްގެންދިޔަ ބެޗްލާސް އޮފް ސައިންސް އިން ސެކިއުރިޓީ އެންޑް ލޯއެންފޯސްމަންޓް ސްޓަޑީޒްގެ 3 ވަނަ ބެޗް ފުރިހަމަ ކުރި 40 ދަރިވަރަކަށާއި، ޑިޕްލޮމާ އިން ޕޮލިސިންގ ކޯހުގެ ދެވަނަ ބެޗް ފުރިހަމަ ކުރި 23 ދަރިވަރަކު ހިމެނޭހެން ޖުމްލަ 63 ދަރިވަރުންނަށް ދަސްވެނިވިކަމުގެ ލިޔުން ޙަވާލުކޮށްފައެވެ.