Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

"ދެ ފަނޑިޔާރުން މެލޭޝިޔާއިން އެޕާޓްމެންޓް ގަންނަން އުޅުނު"

ހައްޔަރުކޮށްފައިވާ ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދުވެސް މެލޭޝިޔާއިން އަގުބޮޑު އެޕާޓްމެންޓުތައް ގަންނަން އުޅުނު ކަމަށް އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވެފައިވާކަން ހާމަވެއްޖެއެވެ.

ލީކު ވެފައިވާ ފުލުހުންނަށް ދީފައިވާ ބަޔާންތަކުގެ ތެރެއިން، ހަސަން ލުތުފީގެ ބަޔާނުގައި އޭނާ ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދު އަދި ހަސަން ސައީދު މެލޭޝިޔާގައި ދިރިއުޅުއްވާކަން ލެމަންގްރާސް އާތިފްގެ ފަރާތުން އެނގިފައިވާ ކަމަށެވެ.

އެ ތިން ބޭފުޅުން އެޕާޓްމެންޓް އެގައުމުން ގަންނަން އުޅޭ ކަން އެނގިފައިވާ ކަމަށާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އެޕާޓްމެންޓު ބަލަމުން ދިޔަކަން ހަސަން ސައީދުގެ ފަރާތުން އެނގުނު ކަމަށް ލުތުފީގެ ބަޔާނުގައި ވެއެވެ.

އަދި ތިން ބޭފުޅުން "ކަންތައްގަނޑެއް" ހިންގަން އުޅޭކަން ވިސްނިވަޑައިގަތް ކަމަށާއި، އެޕާޓްމެންޓަށް ލާރި ދައްކަނީ ކާކުތޯ ހަސަން ސައީދުގެ އަރިހުގައި ސުވާލު ދެންނެވުމުން އޭނާ ޖަވާބެއް ނުދެއްވާ ކަމަށްވެސް ލުތުފީގެ ބަޔާނުގައި ވެއެވެ.

އަދި ރައްޓެއްސެއްގެ ފަރާތުން ލިބުނު މައުލޫމާތުން އެނގުނީ މި އެޕާޓްމެންޓުތަކަށް ފައިސާ ދައްކަން ހަމަޖެހިފައިވަނީ ޖުމުހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ކުންފުނި، ވިލާއިން ކަން އެނގިފައިވާ ކަމަށްވެސް ލުތުފީ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވެއެވެ. އަދި އެކަން ކަށަވަރު ކުރުމަށް ހަސަން ސައީދު ގާތުގައި ފައިސާ ދައްކަނީ ގާސިމްތޯ ސުވާލުކުރުމުންވެސް ޖަވާބެއް ނުލިބުނު ކަމަށް އޭނާގެ ބަޔާނުގައި ވެއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިފައި ވަނިކޮށް، ސުޕްރީމް ކޯޓުގެ ފުރާޅު ނައްޓާލައިގެން، ކޯޓަށް ވަނުމަށް ފަހުގައެވެ.