ރޭ އިރާކޮޅުގެ ވަގުތެއްގައި ގއ. މާމެންދޫގައި ޒުވާން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އެރަށުން ރޭ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން ކުއްޖާ ފިހާރައަކަށް ދިޔަ މަގުމަތީގައި ފިރިހެން މީހާ ވަނީ ގަދަ ކަމުން އޭނާގެ ގަޔަށް އަތް ލައިގެނަ، ޖިންސީ ގޯނާ ކޮށްފައެވެ. ރަށު ރައްޔިތުންނާ ހަވާލާދީ ބައެއް މީޑިޔާތަކުން އަންހެން މީހާއަށް ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގާފައިވާ ކަމަށް ރިޕޯޓު ކޮށްފައިވި ނަމަވެސް ފުލުހުން ވަނީ ބަލަމުން ދަނީ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށް ބުނެފައެވެ.
މިއަނިޔާގެ ޝިކާރައަކަށް ވެފައިވަނީ އުމުރުން 18 އަހަރުގެ އަންހެން ކުއްޖެއް ކަމަށް މައުލޫމާތު ލިބިފައިވާއިރު އަންހެން ކުއްޖާއަށް އަނިޔާކުރުމަށްފަހު އޭނާގެ ފިރިމީހާއަށް ފެނިފައިވަނީ މަގުމަތިން ހަޅޭއްލަވަމުން ދުވެފައި އަންނަނިކޮށެވެ.
މިމައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާތީ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. މިހާދިސާ ހިންގުމުގައި ހަތަރު ވަރަކަށް ފިރިހެނުން ބައިވެރިވި ކަމަށް ޚަބަރު ލިބެއެވެ. ނަމަވެސް ފުލުހުން ހައްޔަރުކޮށްފައިވަނީ އެންމެ މީހެކެވެ. އަންހެން މީހާ ވަނީ މާމެންދޫ ސިއްހީ މަރުކަޒަށް ގެންދިއުމަށް ފަހު، ގއ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ވެސް ގެންގޮސްފައެވެ. ހޮސްޕިޓަލުން ބެލުމަށްފަހު މިހާރު އޭނާ ދޫކޮށްލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.