މިހާރު ޖަލުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ ޝެޑިއުލްގައި ވާގޮތުން ފާރިސްގެ މައްޗަށް ކުރެވޭ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 13:00 އަށެވެ.
މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފާރިސް ވަނީ ދިވެހި ރާއްޖޭގެ ދުސްތޫރީ ނިޒާމް އޮޅުންގަނޑެއްގެ ތެރެއަށް ވެއްޓިފައިވާ މި ދަނޑިވަޅުގައި އިންސާފުވެރިކަމާއެކު ޝަރީއަތެއް ކުރިއަށް ދާނެ ކަމަށް އުއްމީދު ނުކުރެވޭ ކަމަށް ވިދާޅުވެފަ އެވެ.
ފާރިސްއާ ދެކޮޅަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގައި 30 އޭޕްރީލް ގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ވާހަކަ ދެއްކުމަށް ގާޒީ ފުރުސަތު އެރުވުމުން ފާރިސް ވިދާޅުވެފައިވަނީ އޭނާއަށް އިންސާފުން ޝަރީއަތް ކޮށް، އިންސާފުވެރި ހުކުމެއް އިއްވައިފި ފަނޑިޔާރަކު ޖަލަށް ލުމުގެ ބިރު އެބަ އޮތް ކަމަށެވެ.
އެހެންކަމުން އެފަދަ ޝަރީއަތެއް ފެނިގެންދާނެ ކަމަށް އުއްމީދު ނުކުރެވޭ ކަމަށް ފާރިސް ވަނީ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައެވެ. ޖަވާބުގައި މައްސަލަ ބައްލަވާ ގާޒީ، އަހުމަދު ހައިލަމް ވަނީ ކޯޓުން ފާރިސްގެ ހައްގެއް ގެއްލޭ ކަމަށް ފާހަގަކޮށްފިނަމަ އެކަން ހައްލު ކޮށްދޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ވެސް ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ ފާރިސްއާ ދެކޮޅަށް ދައުލަތުން ހުށައެޅި ސިއްރު ހެކި ވަނީ ޝަރީއަތުގެ މަޖިލީހުގައި ފާރިސްއާ އެއްކޮޅަށް ހެކި ބަސް ދީފައެވެ.