މިދިޔަ އަހަރު ނިމުނު އިރު ބޭރުގެ ދަރަނި 1.2 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބޭރުގެ ދަރަނީގެ ގޮތުގައި ބަޔާންކޮށްފައިވަނީ ސަރުކާރާއި ވިޔަފާރި ބޭންކުތަކުން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަންޏެވެ.
އެ ރިޕޯޓްގައި ބުނެފައި ވަނީ ފާއިތުވި އަހަރު ބޭރުގެ ދަރަނި 339.4 މިލިއަން އެމެރިކާ ޑޮލަރުން އިތުރުވެ، އަހަރު ނިމުނުއިރު، ސަރުކާރާއި ވިޔަފާރި ބޭންކްތަކުގެ ޖުމްލަ ދަރަނި ހުރީ 1.2 ބިލިއަން ޑޮލަރުގައި ކަމަށެވެ.
މީގެ އިތުރުން، މިދިޔަ އަހަރު ނިމުނުއިރު ބޭރުގެ ޖުމްލަ ދަރަނީގެ 91 އިންސައްތަ ހިއްސާކުރަނީ ސަރުކާރުގެ ދަރަނި ކަމަށާއި ސަރުކާރުގެ ބޭރުގެ ދަރަނި 316.2 މިލިއަން ޑޮލަރުން އިތުރުވެ، އަހަރު ނިމުނުއިރު 1.1 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ވެއެވެ.
ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 2016 ވަނަ އަހަރު ބޭރުގެ ދަރަނި ހުރީ 20% ގައި ކަމަށާއި، މިދިޔަ އަހަރު އެ އަަދަދު ވަނީ 26 އިންސައްތައަށް މަތިވެފައި ކަމަށް ވެސް އެމްއެމްއޭ އިން ބުނެއެވެ.
އެމްއެމްއޭއިން އިން ދަރަނި އިތުރުވެފައިވަނީ ބައިނަލްއަޤްވާމީ ބާޒާރުގައި ވިއްކުނު ސަރުކާރުގެ ބޮންޑާ ގުޅިގެން ސަރުކާރުގެ ދަރަނީގެ ސެކިއުރިޓީތައް އިތުރުވެފައި ވާތީ ކަމަށެވެ.