އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ ފުލުހުންގެ ތަހުޤީޤަށް ދެއްވާފައިވާ ސިއްރު ބަޔާނާއި ގުޅިގެން ލުތުފީއަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ދެ ސުވާލެއް ކުރައްވައިފި އެވެ.
މަހުލޫފް މި ސުވާލުތައް ލުތުފީއާއި ކުރިމަތިކޮށްފައި ވަނީ އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން މަހުލޫފް ލުތުފީއާ ކުރައްވާފައިވާ ފުރަތަމަ ސުވާލަކީ ފްލެޓް ގަންނަކަމާއި، ފްލެޓަށް ފައިސާ ދައްކަނީ ޤާސިމް ކަމަށް ތުހުމަތުކުރެވުނު ކަމަށް ބަޔާނުގައި ވިދާޅުވެފައިވާއިރު، އޭސީސީއިން އެކަން ތަހުޤީޤް ނުކުރީ ކީއްވެތޯ އެވެ.
މަހުލޫފް މި ސުވާލުކުރައްވާފައި ވަނީ ފުލުހުންގެ ތަހުޤީޤަށް ލުތުފީ ދެއްވާފައިވާ ބަޔާނުގައި ދެ ފަނޑިޔާރުންނާއި، ހަސަން ސައީދު މެލޭޝިޔާއިން ފްލެޓެއް ބައްލަވައިގަންނަވަން އުޅުއްވިކަމުގެ މައުލޫމާތު އޭނާއަށް ލިބިވަޑައިގެންފައިވާ ކަމަށާއި އެ ފަނޑިޔާރުން ފްލެޓް ބައްލަވައިގަތުމަށް ފައިސާ ދެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކަމުގެ މައުލޫމާތު ވެސް އޭނާއަށް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައިވުމާއި ގުޅިގެންނެވެ.
ދެވަނަ ސުވާލެއްގެ ގޮތުން މަހުލޫފް ކުރައްވާފައިވަނީ، ސުޕްރީމް ކޯޓުން ސަރުކާރު ވައްޓާލަން އުޅުނުކަމަށް ޤަބޫލުކުރެވުނުއިރު އެކަން ފުލުހުންގެ އިދާރާއަށް އަދި ރައީސް އަބްދުﷲ ޔާމީނަށް ހުށަނޭޅުއްވީ ކީއްވެތޯ އެވެ.
ލީކުވެފައިވާ ލުތުފީގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ތެރެއިން ވެރިކަން ވައްޓާލަން ރޭވުންތަކެއް ރޭވިކަން އެނގިގެން ސަރުކާރާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރުމަށް ފަނޑިޔާރު އަލީ ހަމީދަށާއި ހަސަން ސައީދަށް އިންޒާރު ދެއްވި ކަމަށެވެ.
އެ ބަޔާނުގައި ލުތުފީ ވިދާޅުވެފައި ވަނީ ފެބްރުއަރީ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން އަމުރު ނެރުނުއިރު، އޭނާ ހުންނެވީ ހުޅުމާލެ ޝްވެކް ސިނަމާގައި "ޕަދްމާވަތު" ފިލްމު ބެލުމަށް ކަމަށެވެ. ސިނަމާގައި އިންދާ ސުޕްރީމް ކޯޓުގެ އަމުރު ނެރުނު ކަމުގެ މެސެޖުތައް ލިބެން ފެށުމުން، އަލީ ހަމީދާއި ހަސަން ސައީދަށް ގުޅޭތޯ މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެބޭފުޅުން ފޯނު ނުނެންގެވި ކަމަށް ލުތުފީ ވިދާޅުވެފައިވެއެވެ. އަދި އެ ދެ ބޭފުޅުންނަށް ފޮނުއްވެވި މެސެޖަށް ވެސް ޖަވާބު ދީފައި ނުވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އެވަގުތު ލުތުފީގެ ހިތަށް އެރި ވާހަކަތަކެއް އޭނާގެ ބަޔާނުގައި ލިޔެފައިވެއެވެ. އެގޮތުން، "މިއީ ކޮން ކަމެއް ހެއްޔޭ"، "ތިހާ މުނާފިގު ވާކަށް ނުވާނެއޭ" ބުނެ، އަލީ ހަމީދާއި ހަސަން ސައީދު އަރިހުގައި އެ ވާހަކަތައް ވިދާޅުވާން ބޭނުންފުޅުވި ކަމަށް ލުތުފީގެ ބަޔާނުގައިވެއެވެ.