Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ކޮރަޕްޝަނުގެ ތުހުމަތެއް ފުއާދަށް އަމާޒުވެއްޖެ

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް، ފުއާދު ތައުފީގްގެ ކޮރަޕްޝަނުގެ މައްސަލައެއް ބަލަމުންދާތީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރު ވުމަށް އޭނާއަށް އަންގައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮިޝަނުން ބަލަމުން ދަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން އެކުލަވާލި ގައުމީ ކޮމްޕްލެއިންސް ބިއުރޯއަށް މެމްބަރުން ހޯދުމުގައި ފުއާދުގެ ފަރާތުން ކޮރަޕްޝަނަށް މަގުފަހިވާ އަމަލެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.

މިމައްސަލައާ ގުޅޭ ގޮތުން ސުވާލުކޮށް ބަޔާން ނެގުމަށް ބުދަ ދުވަހު މެންދުރު ފަހު 14:00 އަށް ކޮމިޝަނަށް ހާޒިރުވުމަށް އަންގާފައިވެއެވެ.

ފުއާދު ވަނީ މި ތުހުމަތަކާ މެދު ޓުވިޓާ މެދުވެރިކޮށް ސުވާލު އުފައްދާފައެވެ. އޭނާ ބުނެފައިވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނިމިގެން، 3 މަހާއި ތިން ހަފްތާ ވަންދެން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަގާމުގައި އޭނާ ހުންނެވި ކަމަށެވެ.

އަދި އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން މާލޭގައި ވެސް އުޅުނު ކަމަށާއި، އޭރު މިފަދަ މައްސަލައެއް އޮތް ނަމަ މައްސަލަ ނުބެލީ ކީއްވެތޯ ސުވާލު އުފައްދާފައެވެ. އަދި ކުއްލިއަކަށް، ހަތަރު އަހަރާއި ފަސް މަސް ދުވަސް ފަހުން މިމައްސަލަ "އުފަންވީ" ގޮތާ މެދު އޭނާ ވަނީ ހައިރާންވެފައެވެ.

ތިން ދުވަހުގެ މުހުލަތެއް ފުއާދަށް ކޮމިޝަނަށް ހާޒިރުވުމަށް ދީފައިވާއިރު އޭނާ މިވަގުތު ދިރިއުޅެމުން ދަނީ ލަންކާގައެވެ. ނަމަވެސް ތަހުގީގަށް އެއްބާރުލުން ނުދޭނެ ކަމަށް ފުއާދު ވިދާޅުވެފައެއް ނުވެއެވެ.