ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ އިދިކޮޅު އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރެން، ފުރަތަމަ ޕާޓީތަކުގެ އެތެރޭގައި ބާއްވާ ޕްރައިމަރީއަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ފަސް މެމްބަރުންގެ ޚާއްސަ ކޮމިޓީއެއް އެކުލަވާލައިފިއެވެ.
ޕާޓީގެ އަސާސީ ގަވާއިދާއި އެއް ގޮތަށް ފަސް މެމްބަރުންގެ ކޮމިޓީ އެމްޑީޕީން އުފައްދާފައި މިވަނީ ކުރީގެ ރައީސް، މުހައްމަދު ނަޝީދު ޕްރައިމަރީގައި ވާދަކުރައްވަން ގަސްދުކުރައްވާކަން އިއުލާން ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މިކޮމިޓީގައި ހިމެނޭ ފަސް މެމްބަރުންނަކީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް، ނައިބު ރައީސް މުހައްމަދު ޝިފާޒް، ޒުވާނުންގެ ގޮފީގެ ރައީސް މީކައިލް ނަސީމް، މާލޭ ސިޓީ މޭޔަރ ޝިފާ މުހައްމަދުގެ އިތުރުން ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީގެ މުގައްރިރު، މުހައްމަދު އިބްރާހިމް މަނިކެވެ.
ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު އެމްޑީޕީން ވަނީ މިމަހުގެ 15 ގައި ހުޅުވާނެ ކަން ހާމަކޮށްފައެވެ. ކުރީގެ ރައީސް ނަޝީދު ފިޔަވައި ޕްރައިމަރީގައި ވާދަކުރާނެ ކަން އަދި އެމްޑީޕީގެ މެމްބަރަކު އިއުލާން ކޮށްފައެއް ނުވެއެވެ. ނަމަވެސް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ޖުމުހޫރީ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމާފައެވެ.
އުމަރަކީ ޖޭޕީގެ ލީޑަރު، އޮނަރަބަލް ގާސިމް އިބްރާހިމްގެ ހާއްސަ އެޑްވައިޒަރެއްގެ ގޮތުގައި އެ ޕާޓީއާ ގުޅިފައިވާ ބޭފުޅެކެވެ. ނަމަވެސް އޭނާ ވަނީ އެމްޑީޕީއާއި ނަޝީދަށް ތާއީދު ނުކުރާނެ ކަމަށް ފާޅުގައި ވިދާޅުވެފައެވެ.