Last Updated: June 19, 05:46
Thursday, June 19, 2025
ޚަބަރު

މާދަމާ ހެނދުނު 8-11 އަށް ކަރަންޓް ކަނޑަނީ

އައްޑޫ މަރުކަޒީ އިންޖީނުގޭގެ އިންޖީނެއް މަރާމާތު ކުރުމަށް މާދަމާ ހެނދުނު 8 އިން 11އަށް އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓް ކެނޑޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ އައްޑޫ އިސް އޮފިޝަލަކު މިރޭ "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާދަމާ ހެނދުނު 8 އިން 11 އަށް އެކި ހިސާބުތަކުން ގަޑިއެއްގެ އިރަށް ކަރަންޓް ކަނޑަމުންދާނެކަމަށެވެ. އަދި އެކަމަށް ކަސްޓަމަރުން ސަމާލުވުމަށް ފެނަކަ ކޯޕަރޭޝަނުން އިލްތިމާސް ކުރައްވައެވެ.

އޮފިޝަލް ވިދާޅުވީ ކަރަންޓް ކަނޑާ ސަރަހައްދުތައް އެސްއެމްއެސް މެދުވެރިކޮށް އަންގަމުންދާނެ ކަމަށެވެ. ފެނަކަ ކޯޕަރޭޝަނުން ވަނީ އައްޑޫން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލައަށް ހައްލު ގެނައުމަށް 2 މެގަ ވޮޓްގެ ދެ ޖަނަރޭޓަރު ސެޓް ބަހައްޓާފައެވެ.

އަދި މިދުވަސްކޮޅު ނެޓްވޯކު އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ދަނީ ކުރަމުންނެވެ. އެގޮތުން ބައެއް ސަރަހައްދުތަކުގައި އާ ޓްރާންސްފޯމަރ ބަހައްޓަމުން އަންނަ އިރު އެކުންފުނިން މަސައްކަތް ކުރަމުންދަނީ ރޯދައިގެ ކުރިން މަސައްކަތްތައް މުޅިން ނިންމާލުމަށެވެ.

ފެނަަކަ ކޯޕަރޭޝަނުން ބުނީ ފެނަކަ ކޯޕަރޭޝަނުން މިގޮތަށް އަންގާ އެންގުންތަކަށް އާއްމު ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށްޓަކައި ނިހާޔަތަށް ޝުކުރު ދަންނަވާކަމަށެވެ.