Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ފާގަސަން ކުއްލި ސާޖަރީއަކަށް ފަހު އައިސީޔޫގައި

މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ މެނޭޖަރު ސާ އެލެކްސް ފާގަސަން ރޭގެ ވަގުތެއްގައި ސިއްހީ ހާލު ދެރަވެ، ހޮސްޕިޓަލަށް ގެންދިއުމުން ކުއްލި ސާޖަރީއެއް ހަދައިފިއެވެ.

މެންޗެސްޓާ ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިކުނޑީގެ ހެމްރެޖްއަކަށް ޑޮކްޓަރުން ފަރުވާދީފައިވާ ކަމަށެވެ. އަދި ކުއްލި ސާޖަރީއެއް ހަދާފައިވާ ކަމަށާއި ސާޖަރީ ކާމިޔާބު ކަމަށްވެސް ޔުނައިޓެޑުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަދި އިތުރު ފަރުވާއަށް ޑޮކްޓަރުންގެ އިރުޝާދުގެ މަތިން އައިސީޔޫގައި ފަރުވާ ދެމުން ދާނެ ކަމަށް ކުލަބުން ހާމަކޮށްފައިވެއެވެ.

ފުޓުބޯޅައިގެ ދުނިޔެ އިން ފާގަސަންއަށް ހިތްވަރު ދިނުމުގެ މެސެޖު ފޮނުވަމުން އަންނައިރު އޭނާގެ ޓީމުގެ ކުޅުންތެރިންނާއި ވާދަވެރި ކުލަބުތަކާއި އެ ކުލަބުތަކުގެ ސަޕޯޓަރުންވެސް ހިމެނެއެވެ.

އުމުރުން 76 އަހަރުގެ ފާގަސަން ވަނީ މެންޗެސްޓާ ޔުނައިޓެޑަށް 13 ޕްރިމިއާ ލީގު ތަށި ހޯދާދީފައެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ޔުނައިޓެޑުން ވަނީ ދެފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. 26 އަހަރު މެންޗެސްޓާ ޔުނައިޓެޑުގައި ހޭދަކުރި ފާގަސަން ވަނީ ގިނަ ބަޔެއްގެ ލޯތްބާއި އިހުތިރާމް ހޯދާފައެވެ.