ތެޔޮ ބޯޓަކާއި ފެރީއެއް ޖެހި ކަނޑުމަތީގެ އެކްސިޑެންޓެއް ހިނގައި، އެކަކަށް އަނިޔާވެއްޖެއެވެ.
މިއަދު ހެނދުނު 7:10 އެހާކަށްހާއިރު މާލެ އަތޮޅު ފުނަދޫ ކައިރިން ހިނގި މިއެކްސިޑެންޓުގައި އަނިޔާވި މީހާއަށް މިހާރު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަ ގެންދެއެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި އެކްސިޑެންޓުވި ފެރީއަކީ ހުޅުލެ އައިލެންޑް ހޮޓެލްގެ ފެރީއެކެވެ. ފުލުހުން މިހާރު އެކްސިޑެންޓު ހިނގި ސަރަހައްދުގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށް ހާމަކޮށްފައިވެއެވެ.
މި އެކްސިޑެންޓުގައި ދެ އުޅަނދަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.