އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް، ފުއާދު ތައުފީގާ ދެކޮޅަށް ބަލަމުންދާ ކޮރަޕްޝަނުގެ މައްސަލައެއްގައި އޭނާ ކޮމިޝަނަށް ހާޒިރުކުރަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކޮށްފާނެ ކަމަށް ހީވާތީ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ލަންކާގައި ދިރިއުޅެމުންދާ ފުއާދު ދެ ދުވަހުގެ ތެރޭ އޭސީސީއަށް ހާޒިރުވުމަށް އަންގައި ކުރި އަމުރާ ގުޅޭގޮތުން ފުއާދު ދިފާއުކުރައްވައި މަހޭ އިތުރަށް ވިދާޅުވެފައިވަނީ އޭސީސީ ރައީސް ލުތުފީއަކީ ނަޒާހަތްތެރިކަމުގެ ގޮތުން ފުއާދާ ގާތް ކޮށްލެވޭ ވަރުގެ ބޭފުޅެއް ނޫން ކަމަށެވެ.
އޭސީސީން ބަލަމުން ދަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން އެކުލަވާލި ގައުމީ ކޮމްޕްލެއިންސް ބިއުރޯއަށް މެމްބަރުން ހޯދުމުގައި ފުއާދު ކޮރަޕްޝަނަށް މަގުފަހި އަމަލެއް ކޮށްފައިވާ މައްސަލައެކެވެ.
ފުއާދު ވަނީ އޭނާއަށް ކުރާ ތުހުމަތުތައް ކުއްލިއަކަށް "އުފަންވުމުން" އެކަމާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެފައެވެ. އިންތިޚާބަށް ފަހު ތިން މަހާއި ތިން ހަފްތާ ވަންދެން މަގާމުގައި ހުރިއިރު ވެސް މިމައްސަލައެއް ނުފެންނަ ކަމަށާއި، އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން މާލޭގައި ހުރިއިރުވެސް ނުފެނު މައްސަލައެއް، ހަތަރު އަހަރާއި ފަސް މަސް ދުވަސް ފަހުން ކުއްލިއަކަށް ފެނުމުން އޭގެ މަގުސަދާއި މެދު އޭނާ ވަނީ ސުވާލު އުފައްދާފައެވެ.
އިދިކޮޅު އިއްތިހާދުން ނެރޭ ސިއްރު ކެންޑިޑޭޓަކީ ފުއާދު ކަމަށް ބެލެވޭ ކަމަށް ޕީޕީއެމުން ވަނީ ކުރިން ބުނެފައެވެ. ނަމަވެސް ފުއާދު ވަނީ އޭނާއާ އެފަދަ އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާ ކަމަށް އޭރު ވިދާޅުވެފައެވެ.