ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް ޔާމީނަށް ވަރުގަދަ ބަހުގެ ހޫނު ހަމަލާއެއް ދެއްވައިފިއެވެ.
ޓުވިޓާ މެދުވެރިކޮށް ނަޝީދު ފޮނުވި މެސެޖުގައި ކުރީގެ ރައީސް މައުމޫނާ މެދު މިސަރުކާރުން ކަންކުރައްވާ ގޮތަށް އަނެއްކާވެސް ފާޑު ވިދާޅުވެފައިވެއެވެ.
"ރައީސް ޔާމީން އަރިހު ވަރަށް އިޚުލާސްތެރިކަމާއެކު ދަންނަވަން. ރައީސް މައުމޫން އަބްދުލްޤައްޔޫމާ ގުޅޭގޮތުން (މަނިކުފާނު) އަމަލު ތިކުރައްވަނީ ޒަމާނުއްސުރެ ރާއްޖޭގެ ވެރިން ކަން ކުރައްވާފާ ވާ ގޮތާ ވަރަށް ދުރުން. މަނިކުފާނަށް ސިޔާސީ ގެއްލުން ނުވާ ގޮތަށް ރައީސް މައުމޫނަށް ދޫ ދެއްވޭނެ."
ރައީސް މައުމޫން ޖަލަށް ލެއްވިތާ ދެމަސް ދުވަސް ވެފައިވާއިރު އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ދެރަވެ، އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މައުމޫން ވަނީ އެމަނިކުފާނުގެ އުމުރާއި، ސިއްހީ ހާލަތަށް ބެއްލެވުމަށް ފަހު ޖަލު ބަންދުން، ގޭ ބަންދަށް ބަދަލުކޮށް ދެއްވުމަށް މީގެ ކުރިން ޝަރީއަތުގެ މަޖިލީހުގައި ވެސް އެދިވަޑައިގެންފައެވެ. ނަމަވެސް މައްސަލަ ބެއްލެވި ގާޒީ ވަނީ މައުމޫންގެ އެދިލެއްވުމަށް އިޖާބަ ނުދީ ޝަރީއަތް ކުރިއަށް ގެންގޮސްފައެވެ.
ސިޔާސީ އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް މައުމޫނަށް، މުސްކުޅިފުޅު ހާލުގައި އެއްބަފާ ކޮއްކޯފުޅު، ރައީސް ޔާމީން ދެއްވަމުންދާ "އަނިޔާ" ތައް ކުށްވެރިކޮށްފައެވެ.