Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓް ލަސްވަނީ ކީއްވެ؟

* ރައީސް ޔާމީންގެ އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކުރި މައްސަލާގައި އެސީސީގެ ރިޕޯޓު ނުނެރޭ
* ސަރުކާރާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދަށް އިންޒާރު ކުރެއްވި.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކަރަޕްޝަންގެ އަމަލަކީ އެމްއެމްޕީއާރްސީގެ ތެރެއިން ހިންގާފައިވާ ކަރަޕްޝަނެވެ. މި ކަރަޕްޝަންގެ އަގު 2 ބިލިއަނަށް އަރާކަމަށް ސަރުކާރުން ބުނި ނަމަވެސް އަސްލު ގެއްލުމުގެ އަގު 4 ބިލިއަނާއި ގާތް ކުރާނެކަމަށް ބައެއް ފަރާތްތަކުންދަނީ ބުނެފައެވެ.

އެމްއެމްޕީއާރްސީގެ މައްސަލަ ފެންމަތިވެ، އެކަމުގައި ޝާމިލްވި، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޒިއްޔަތު އާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ވަނީ ހައްޔަރުކޮށް ދައުވާ އުފުލައި ޖަލަށްލާފައެވެ.

މި މައްސަލަ އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)ން ތަހުގީގު ކުރިއިރު އެންމެ ބޮޑު އެއްކަމަކަށް ފާހަގަ ކުރެވުނީ އެމްއެމްޕީއާރްސީގެ ފައިސާގެ މުޢާމަލާ ހިންގި އެސްއޯއެފްގެ ފަރާތުން ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއްމިލިއަން ޑޮލަރުގެ މައްސަލައެވެ.

ރައީސް އަބްދުﷲ ޔާމީންގެ އިސްލާމިކް ބޭންކަށް އެއްމިލިއަން ޑޮލަރު ޖަމާކުރިކަމުގެ ލިޔެކިއުންތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު އެމައްސަލަ އެންޓި ކަރަޕްޝަން ކަމިޝަނުން ބަލައި ރިޕޯޓެއް ނެރެފައިނުވެއެވެ. މި މައްސަލަ އާއި ގުޅިގެން އޭސީސީއަށާއި އެކަމިޝަންގެ ރައީސަށް އެތައް ބަޔަކު ދިޔައީ ފާޑު ކިޔަމުންނެވެ.

އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓު ނުނެރެވިއުޅެނިކޮށް ފެބްރުއަރީ 1 ވަނަ ދުވަހު ސުޕުރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އޭސީސީގެ ރައީސް ހަސަން ލުޠުފީ ފުލުހުންނަށް ދެއްވި ބަޔާނެއް މިވަނީ ލީކްވެފައެވެ.

ލީކްވެފައިވާ މި ބަޔާނުގައި ހަސަން ލުޠުފީ ވިދާޅުވީ ސަރުކާރާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދަށް އިންޒާރު ކުރެއްވި ކަމަށެވެ.

ސުޕްރީމް ކޯޓުގެ ތެރެއިން ވެރިކަން ވައްޓާލުމަށް ރޭވުންތަކެއް ރޭވޭ ކަމަށް އެކި މީހުން އޭނާއާ އެ ވާހަކަ ހިއްސާކޮށްފައިވާތީ ސަރުކާރާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރުމަށް އަލީ ހަމީދާއި ހަސަން ސައީދަށް އިންޒާރު ދެއްވިއިރު، "ރައީސް އަބްދުﷲ ޔާމީނަކީ ކާކުކަން ދަންނަން ޖެހޭނެ" ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.

ލުޠުފީގެ މި ބަޔާނާއި ގުޅިގެން ފާޑު ކިޔާ ބައެއް ފަރާތްތަކުން ބުނަމުން ދަނީ އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓް އޭސީސީން ނުނެރެވިގެން އުޅެނީ "ރައީސް ޔާމީނަކީ ކާކުކަން" ލުޠުފީއަށް އެނގޭތީ ބިރުން ކަމަށެވެ. އެހެންވެއްޖެނަމަ މަގާމުގެ ކުފޫ ލުޠުފީއަށް ހަމަވޭތޯވެސް ބައެއް ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ.

ކޮންމެއަކަސް ލުޠުފީގެ މި ބަޔާނުން އޭނާގެ "ބިތުފަންގި" ނެގުނު އިރު ނަޒާހާތްތެރިކަމާއި މެދު މިވަނީ ސުވާލު އުފެދިފައެވެ.