ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު އޭނާއާ ގުޅޭގޮތުން ދެއްކެވި ވާހަކަ އަޑުއެއްސެވިއިރު ކުރި އަސަރެއްގެ ސަބަބުން އަލީ ހަމީދަށް ޝަރީއަތުގައި ރޮވިއްޖެއެވެ.
ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދެއްކުމަށް ގާޒީ ފުރުސަތު އެރުވުމުން ވާހަކަ ދައްކަވަން ފެއްޓެވުމުން އަލީ ހަމީދަށް ރޮވެން ފެށި ނަމަވެސް ފަނޑިޔާރު ވަނީ ވާހަކަ ކުރިއަށް ގެންދަވާފައެވެ.
ގިސްލަމުން ފަނޑިޔާރުގެ ވާހަކަފުޅު ފެއްޓެވީ ދައުލަތަށް ކުރެއްވި ޚިދުމަތްތަކުންނެވެ. އުމުރުން 54 އަހަރު ވެފައިވާއިރު 25 އަހަރުން ފެށިގެން ހައްޔަރުކުރުމާއި ހަމައަށް ދައުލަތަށް އިޚުލާސްތެރިކަމާއެކު ޚިދުމަތް ކުރެއްވި ކަމަށާއި ދައުލަތަށް ގެއްލުންވާ އަމަލުތައް ކުރުމަށް ރިޝްވަތު ހިފައި ނުފޫޒު ފޯރުވި ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވުމުން ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށް އަލީ ހަމީދު ވިދާޅުވިއެވެ.
އަދި ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި، އަމުރު ނެރެން "މަޖުބޫރުވި" ސަބަބު ޝަރީއަތުގެ މަޖިލީހުގައި ތަފްސީލުކޮށް ކިޔާދެއްވާނެ ކަމަށް ވިދާޅުވެ ސަބަބުތައް ގާޒީ އަށް ކިޔާދިނެވެ.
ސުޕްރީމް ކޯޓަށް އަމާޒުވަމުންދިޔަ ފާޑުކިޔުންތަކާއި ރައްޔިތުންގެ ފަރާތުން ކޯޓަށާއި ވަކި ވަކި ފަނޑިޔާރުންނަށް ލިބެމުން ދިޔަ ސިޓީތަކުގައި އެތައް ބައިވަރު ޝަކުވާތަކެއް އަމުނަމުން ދިޔަ ކަމަށް އަލީ ހަމީދު ވިދާޅުވިއެވެ. އަދި އެ ޝަކުވާތަކަށް ހައްލެއް ހޯދުމަކީ އަދުލު އިންސާފުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުގެ ބޮލުގައި އެޅިފައި އޮތް ޒިންމާއެއް ކަމަށާއި ހައްލެއް ހޯދުމަށް ފަނޑިޔާރުން ވަރަށް ބޮޑަށް މަޝްވަރާ ކުރެއްވި ކަމަށްވެސް އަލީ ހަމީދު ވިދާޅުވިއެވެ.
އަދި ފަސް ފަނޑިޔާރުންގެ އިއްތިފާގުން އަމުރު ނެރުމަށް އެއްބަސްވީ، ހުރިހާ ފަނޑިޔާރުންނަށް ވެސް ކަންބޮޑުވުންތައް ހުރިކަން ގަބޫލުކުރެވި އިސްލާހު ކުރަން ޖެހޭ ކަންތައް އިސްލާހު ކުރުމަށް ފެނިވަޑައިގެންނެވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އަމުރު ނެރުނީ ރައްޔިތުންގެ މެދުގައި ޝައްކުތައް ހުރި ޝަރީއަތްތައް ޝައްކެއް ނެތް މިންވަރަށް ސާފުކޮށް ޝަރީއަތް ހިންގުމަށް، އަލުން ފުރުސަތު ދިނުމަށް ކަމަށާއި އެހެން އެއްވެސް ނިޔަތެއް އޮވެގެން ނެރުނު އަމުރެއް ނޫން ކަން މާތް ރަސްކަލާނގެ ދެނެވޮޑިގެން ވާނެ ކަމަށް އަލީ ހަމީދު ވިދާޅުވިއެވެ.