އަންނަ ހުކުރު ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން ރޭގަނޑު 11 ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ރޭތަކާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު، އިމްޕޯޓް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސްގަޑިއަކީ ދަންވަރު 11:00 އެވެ.
އަދި އެ މިނިސްޓްރީން ބުނީ ރޯދަމަހާއި ޝައްވާލު މަހުގެ 7 ވަނަ ދުވަހު ނިޔަލަށް ސައި ހޮޓާ، ރެސްޓޯރަންޓު އަދި ކެންޓީނު ފަދަ ތަންތަނުން ކެއިންބުއިމުގެ ޚިދުމަތް ދެވޭނީ އެދުވަހުގެ އިރު އޮއްސުނީން ދުރެ މެންދަމު 3:00 ޖެހުމާއި ހަމައަށް ކަމަށެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ އިމްޕޯޓް މުދާ ވިއްކާ ތަންތަނުންނާއި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުން، އިކޮނޮމިކް މިނިސްޓްރީން ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.
މާލޭގައި މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލާއި އެކު ޕެޓްރޯލް ޝެޑްތަކާއި ކެފޭ ރެސްޓޯރަންޓްތައް ހުޅުވާފައި ހުންނަ ގަޑިއަށް ވަނީ ބަދަލު ގެނެސްފައެވެ. މި ބަދަލާއި އެކު ޕެޓްރޯލް ޝެޑްތައް 12:00 ޖަހަންދެން އަދި ކެފޭ ރެސްޓޯރަންޓްތައް މެންދަމު 01:00 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެއެވެ.