Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ފާރިސްގެ ޓެރަރިޒަމްގެ ދައުވާ އަށް 17 ހެކި

ފާރިސް ކޯޓަށް ހާޒިރުކުރަން މާލެ ގެންނަނީ - ފޮޓޯ: ވީނިއުސް (ޔޫސުފް ސޮފްވާން)

މިހާރު ޖަލުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާ ދެކޮޅަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މިއަދު ބޭއްވި އަޑުއެހުމުގައި ފާރިސްއާ ދެކޮޅަށް ދައުލަތުން 17 ސިއްރު ހެއްކެއް ހުށަހަޅައިފި އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ފާރިސްއާ ދެކޮޅަށް ކުރާ ޓެރަރިޒަމުގެ ދައުވާ ވެސް އިއްވާފައިވާއިރު، އެ ދައުވާގައި ބުނެފައިވަނީ 2013 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި އުފެދިފައިވާ ގާނޫނީ ވެރިކަން ވައްޓާލަން ފާރިސް އުޅުމާއި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރެއް ކަމަށްވާ އަބްދުﷲ ސިނާނާއި، އިލްހާމް އަހްމަދަށް ރިޝްވަތު ދީފައިވާ ކަމަށާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެކެއް ފެބުރުއަރީގެ އަމުރު ނެރެން މަސައްކަތްކޮށްފައިވާ ކަމަށާއި ފަނޑިޔާރުންތަކަކަށް ފާރިސް ރިޝްވަތު ދެއްވި ކަމަށެވެ.

މީގެ އިތުރުން ޤާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފް މެދުވެރިކޮށް ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާ ކުރިމަތިލައި ޤައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ޤާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތްކޮށް، ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި، އާންމުންގެ ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތެއް މެދުވެރިކުރަން ފާރިސް އުޅެފައިވާ ކަމަށްވެސް ދައުވާގައި ބުނެފައިވެ އެވެ.

ފާރިސްގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ ޖުމްލަ 32 ހެއްކެއް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި 17 ސިއްރު ހެއްކެއް ހިމެނެ އެވެ.

މިދައުވާއާއި ގުޅިގެން ފާރިސްގެ ޤާނޫނީ ޓީމުން ވަނީ ގިނަ ކަންތައްތަކެއް ފާހަގަކޮށްފަ އެވެ.

ދައުވާ އިއްވުމުން ފާރިސްގެ ޤާނޫނީ ވަކީލު އިބްރާހީމް ޝަމީލް ވިދާޅުވީ ދައުވާގައި ފާރިސް ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަށް ބުނާއިރު އެއީ ކޮން ފަނޑިޔާރުންނެއްކަން އިނގެންޖެހޭނެ ކަމަށާއި އެހެން ނަމަވެސް އެކަން ލިޔެކިޔުންތަކުގައި ނެތް ކަމަށެވެ.

ޝަމީލްގެ ވާހަކަތަކާ ގުޅިގެން ދައުލަތުން ބުނީ ފާރިސް މައުމޫން، ފަނޑިޔާރުންނަށް ރިޝްވަތު ދެއްވި ކަމަށް އެކަށީގެންވާ ހެއްކާ ގަރީނާ ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން ދައުލަތުން ބުނީ އެކެއް ފެބްރުއަރީގެ ހުކުމް ނެރުނުއިރު އެހުކުމް ނެރުމުގެ ހަޤީޤީ މޭސްތިރިއަކީ ފާރިސް މައުމޫން ކަމަށާ، ފާރިސްއާއި އޭނާގެ ބައިވެރިންގެ މަޤްސަދަކީ ޤާނޫނީ ވެރިކަން ވައްޓާލާ އެމީހުން ބޭނުންވާ ބޭފުޅަކު ވެރިކަމަށް ގެނައުން ކަމަށެވެ.

ދައުލަތުން ދައުވާ އިއްވުމުން ދައުވާ ސާފުވޭތޯއާއި ދައުވާއަށް އިންކާރުކުރައްވަންތޯ ނުވަތަ ނޫންތޯ ފަނޑިޔާރު ސުވާލު ކުރެއްވުމުން، ފާރިސް ވިދާޅުވީ ދައުވާގައި ބުނާ ކަންތައް ސާފުވީ ކަމަށް ދެންނެވެން ނެތް ކަމާށާ މިދައުވާއަކީ ކޮންމެވެސް މީހަކަށް ފެނިގެން އުޅޭ ހުވަފެނެއް ކަމަށެވެ. އަދި ފާރިސް ވަނީ ދައުވާގައި ހިމެނޭ ހުރިހާ ކަމަކަށްވެސް އިންކާރު ކުރައްވާފައެވެ.

ދައުލަތުން ހެކި ހުށަހެޅުމުން ފާރިސްގެ ފަރާތުން ދިފާއީ ހެކި ހުށަހެޅުމަށާއި ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފާރިސް އެދިވަޑައިގަތް ނަމަވެސް، ގާޒީ އަހްމަދު ހައިލަމް ދެއްވީ ހަތަރު ދުވަހުގެ މުއްދަތެކެވެ.

އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ޖެހުމުގެ ކުރިން ފާރިސްގެ ފަރާތުން ދިފާއީ ހެކި ހުށަހެޅުމަށާއި ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަސް ގާޒީ ވަނީ އަންގަވާފަ އެވެ.

އެހެންނަމަވެސް އެމުއްދަތަކީ ލިޔެކިޔުންތަކާ ދިފާއީ ހެކި ހުށަހެޅުމަށް އެންމެ އެކަށީގެންވާ މުއްދަތު ނޫން ކަމަށް ފާރިސްގެ ގާނޫނީ ވަކީލް ޝަމީލް ވަނީ ވިދާޅުވެފަ އެވެ.