Last Updated: June 26, 23:59
Friday, June 27, 2025
ޚަބަރު

ފަރުވާއަށް ނަމަވެސް މައުމޫން މިނިވަންކޮށްދީ: ގާސިމް

ގާސިމް އިބްރާހިމް ހޮސްޕިޓަލްގައި އެޑްމިޓް ކުރެއްވުމުން ރައީސް މައުމޫން ގާސިމްގެ އަރިހުގައި -- ފޮޓޯ : ރާއްޖެއެމްވީ (އަޒުމޫން އަހުމަދު)

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފަރުވާއަށް ނަމަވެސް މިނިވަންކޮށްދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް އިލްތިމާސްކުރައްވައިފިއެވެ.

ޤާސިމް މިހެން އިލްތިމާސްކުރައްވާފައި ވަނީ ރޭ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ޤާސިމް ފާހަގަކުރައްވާފައި ވަނީ އުމުރުން 82 އަހަރުފުޅުގެ ރައީސް މައުމޫން ތުހުމަތެއްގައި ޖަލުގައި ބަންދުކޮށްގެން ގެންގުޅޭތާ ތިން މަސް ދުވަސް ވެފައިވާ ކަމަށާއި، މިހާރު ރައީސް މައުމޫނަށް ބޮޑު އާލާސްކަންފުޅެއް ޖެހި ވަރަށް ސީރިއަސްވެފައި ވުމަކީ ޖުމްހޫރީ ޕާޓީން ކަންބޮޑުވާކަމެއް ކަމެއް ކަމަށެވެ.

އެހެންކަމުން ޖުމްހޫރީ ޕާޓީގެ ފަރާތުން ރައީސް މައުމޫން ފަރުވާއަށް ނަމަވެސް މިނިވަންކޮށްދެއްވުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށާއި، ފުލުހުންގެ އިދާރާއަށް އިލްތިމާސްކުރައްވާ ކަމަށް ވެސް ޤާސިމްގެ ޓްވީޓްގައި ވެއެވެ.

ރައީސް މައުމޫނަށް ސިއްހީ މައްސަލައެއް ކަމަށްވާ 'ބިނައިން ޕެރޮކްސިސްމަލް ޕޮޒިޝަނަލް ވަރޓިގޯ' (ބީ.ޕީ.ޕީ.ވީ) ޖެހިފައިވާތީ އެމަނިކުފާނުގެ އަރިހުގައި އަބަދުވެސް މީހަކު ހުންނަން ޖެހޭކަމަށް ޑޮކްޓަރު ވަނީ ލަފާ ދެއްވާފައެވެ.

މިބައްޔަށް މިދިޔަ ޑިސެމްބަރު މަހުވެސް ރައީސް މައުމޫނަށް ފަރުވާދެއްވާފައިވާކަމަށް އައިޖީއެމްއެޗް ގެ އީއެންޓީ ސްޕެޝަލިސްޓެއް ވިދާޅުވެ، ދެއްވާފައިވާ ލިޔުމެއް އާއިލާއިން ވަނީ ކަމާއި ބެހޭ ފަރާތްތަކާއި ހަވާލުކޮށްފައެވެ.