Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

މެލޭޝިއާގެ އިންތިޚާބު އޮބްޒާވް ކުރަން އީސީން ފުރައިފި

ޝަރީފް (މ) އާއި އަކްރަމް (ކ) އަށް އަލްވަދާއު ދަންނަވަން އިލެކްޝަންސް ކޮމިޝަން މެމްބަރުން އެއަރޕޯޓުގައި - ފޮޓޯ: އިލެކްޝަންސް ކޮމިޝަން

މިމަހުގެ 9 ވަނަ ދުވަހު ބާއްވާ މެލޭޝިއާގެ 14 ވަނަ އާންމު އިންތިޚާބު އޮބްޒާވްކުރުމަށް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް އާއި މެމްބަރު އަހުމަދު އަކްރަމް މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ.

ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރުވެފައިވާ މަންޒިލެއް ކަމުގައިވާ މެލޭޝިއާގެ އާންމު އިންތިޚާބު އޮބްޒާވްކުރުމަށް ރާއްޖެއަށް ދައުވަތު ދީފައިވާކަމަށް މިދިޔަ މަހު މެލޭޝިއާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މެލޭޝިއާގެ ސިޔާސީ ފަރާތްތަކުން ބުނާ ގޮތުގައި މި އިންތިޚާބަކީ މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤާއި އިދިކޮޅު ލީޑަރު މަހާތީރު މުހައްމަދާއި ދެމެދު ކުރެވޭ ވަރުގަދަ ސިޔާސީ ހަނގުރާމައަކަށް ވެގެންދާނެ އެވެ.

އާންމު އިންތިޚާބުގެ ކެމްޕޭން އެޤައުމުގައި ވަރަށް ފޯރިއާއިއެކު ކުރިއަށްދާއިރު، އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް މެލޭޝިއާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.