Last Updated: June 13, 21:28
Saturday, June 13, 2026
ކުޅިވަރު

14، 16 އުމުރުފުރާގެ ޗެމްޕިއަންކަން ޝަރަފުއްދީނަށް

މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 14 އަހަރާއި 16 އަހަރުގެ އުމުރުފުރާއި ޗެމްޕިއަންކަން ހިތަދޫ ޝަރަފުއްދީން ސްކޫލުން ހޯދައިފިއެވެ.

ޝަރަފުއްދީން ސްކޫލް ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ 14 އަހަރުން ދަށުގެ ފައިނަލް މެޗްގައި ހިތަދޫ ސްކޫލް 3-0 ލަނޑުން ބަލިކޮށްގެންނެވެ.

16 އަހަރުން ދަށުގެ ފައިނަލް މެޗްގައި ޝަރަފުއްދީން ސްކޫލް މޮޅުވީ ސ. އަތޮޅު މަދަރަސާ އާއި ބައްދަލުކޮށް 2-1 ލަނޑުން މޮޅުވެގެންނެވެ.

މުބާރާތުގެ 14 އަހަރުން ދަށުގެ އެންމެ މޮޅު 10 ކުޅުންތެރިންނަކީ ހިތަދޫ ސްކޫލް ގެ ސާމީ ނަޒީރު، އަހުމަދު ރާހިމް، ނަވީދު އަހްމަދު ނަޒީރު، މުހައްމަދު ޝާފް ޙަލީލު، ޝަރަފުއްދީން ސްކޫލްގެ އިބްރާހިމް އާލަމް ނަސީމް، ހަސަން ޖައިޝަމް، އަހްމަދު މައިސަން ޝާނިޒް، ފޭދޫ ސްކޫލްގެ މުހައްމަދު އާއިޝް ސަރީރު، ހުޅުދޫ ސްކޫލްގެ ހަސަން ނައުޝް ހުސައިން އަދި މަރަދޫ ސްކޫލްގެ މުހައްމަދު ތަމާމް ޝަހީދުއެވެ. މީގެ އިތުރުން އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައިވަނީ ފޭދޫ ސްކޫލްގެ އަލީ އައްޝަމް އާތިފްއެވެ.

16 އަހަރުން ދަށުގެ އުމުރު ފުރައިގެ އެންމެ މޮޅު 10 ކުޅުންތެރިންނަކީ ހިތަދޫ ސްކޫލްގެ އީމާން ނަޒީރު، ޝާޝް ޝަރީފް، އައިމަން ނަޒީރު، އިރުޝާދިއްޔާ ސްކޫލްގެ އިސްމާއިލް ސިއަން ފަތުހީ، ފޭދޫ ސްކޫލްގެ އަހްމަދު ޒައުލް ނާޒިމް، ސ. އަތޮޅު ސްކޫލްގެ މުހައްމަދު ރަޔާން މުއްސަދު މަންސޫރު، ހަސަން ސަފާހު، މުހައްމަދު ޒާލިފް ޒާހިރު، ޝަރަފުއްދީން ސްކޫލްގެ އަހްމަދު ޔުސްރު، މުހައްމަދު ޒަކުވާން ޝާކިރެވެ. އަދި އެންމެ މޮޅު ގޯލް ކީޕަރަކީ ސ. އަތޮޅު ސްކޫލްގެ އަހްމަދު ހިޔާމް ޝާކިރެވެ.

16 އަހަރުން ދަށުގެ ފެއާ ޕްލޭ ކުޅުންތެރިއަކަށާއި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ އަތޮޅު މަދަރަސާގެ ހަސަން ސަހާފްއެވެ. ސަހާފް ވަނީ މުބާރާތުގައި 5 ގޯލް ޖަހާފައެވެ.

14 އަހަރުން ދަށުގެ ފެއާޕްލޭ ކުޅުންތެރިއަކީ ޝަރަފުއްދީން ސްކޫލްގެ ޒާދު މުހައްމަދު ޚާލިދުއެވެ. އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީ ހިތަދޫ ސްކޫލްގެ ނަވީދު އަހުމަދު ނަޒީރުއެވެ. ނަވީދު ވަނީ 13 ގޯލް ޖަހާފައެވެ.

މުބާރާތުގެ ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްްވީ ގައުމީ ޓީމްގެ ކޯޗު ސެގާޓު އާއި އެފްއޭމްއެމްގެ ޖެނެރަލް ސެކްރެޓަރީއާއި ގައުމީ ޓީމްގެ މެނޭޖަރގެ އިތުރުން ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލް ޑރ. އަހުމަދު އަދީލް ނަސީރުއެވެ.