Last Updated: June 12, 02:23
Thursday, June 11, 2026
ކުޅިވަރު

ބާސާ އާއި ރެއާލް އެއްވަރުވެއްޖެ

ސްޕެނިޝް ލީގުގައި ރޭ ކުޅުނު ބާސާ އަދި ރެއާލް މެޑްރިޑް މެޗު 2-2 އިން އެއްވަރުވެ ބާސާގެ ބަލި ނުވެ ދަމަހައްޓަމުން އަންނަ ރެކޯޑު އިތުރުކޮށްފިއެވެ.

މެޗުގެ ވަރަށް ކުރީކޮޅު ލުއިސް ސުއަރޭޒް ބާސާއަށް ލީޑު ނަގާދިން އިރު ރޮނާލްޑޯ ވަނީ ސުއަރޭޒްގެ 10 ވަނަ މިނެޓުގެ ލީޑު، 14 ވަނަ މިނެޓުގައި އެއްވަރުކޮށްފައެވެ.

ފުރަތަމަ ހާފު 1-1 އިން އެއްވަރުވެ ނިމެން ދަނިކޮށް ބާސެލޯނާގެ ސާޖިއޯ ރޮބާޓޯއަށް ރެފްރީ ވަނީ ރެއާލްގެ މާސެލޯގެ ކަންފަތްމަތީގައި ޖެހުމުން ރަތް ކާޑެއް ދައްކާފައެވެ.

ކުޅުންތެރިޔަކު މަދުން ބާސާ ކުޅުނު ނަމަވެސް ދެވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވެ، މެސީ ވަނީ ބާސާއަށް އަނެއްކާވެސް ލީޑު ނަގާދީފައެވެ. ރެއާލަށް ނަތީޖާ އެއްވަރުކޮށްދިނީ 72 ވަނަ މިނެޓުގައި ގެރެތް ބޭލް ކާމިޔާބުކުރި ރީތި ގޯލަކުންނެވެ.

ބާސާއަށް ލީގު ކަށަވަރު ވެފައިވި ނަމަވެސް ބަލި ނުވެ ސީޒަން ނިންމާލުމަށް އަދި ތިން މެޗު އެބަ އޮތެވެ. އެއީ އަމިއްލަ ދަނޑުގައި ވިޔަރެއާލާ ދެކޮޅަށް ކުޅޭ މެޗާއި ރަށުން ބޭރުގައި ލެވާންޓޭ އަދި ސީޒަނުގެ ފަހު މެޗު ނޫ ކޭމްޕުގައި ސޮސީޑާޑާ ދެކޮޅަށް ކުޅޭ މެޗެވެ.