ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު މިވަގުތު ހުރިގޮތުން ޑޮކްޓަރ ލަފާ ދެއްވީ އާއިލާ ކާރިއަށް މައުމޫން ބަދަލު ކުރެއްވުމަށް ކަމަށާއި މުޅި އާއިލާ ހައްޔަރުކުރުމަށް ނޫންކަމަށް މައުމޫންގެ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
މައުމޫނަށް ކުރިމަތިވެވަޑައިގެންފައިވާ ބެނިން ޕްރޮކްސިމަލް ޕޮޒިޝަނަލް ވާޓީގޯ(ބީޕީޕީވީ) ނަމަކަށް ކިޔާ ހާލަތާއި ގުޅިގެން އެކަނި ބެހެއްޓުމަކީ ރައްކާތެރިކަމެއް ނޫންކަމަށް މައުމޫން ބެއްލެވި ޑޮކްޓަރ އިރުޝާދު ދެއްުވުމާއި ގުޅިގެން މައުމޫން ގެއަށް ބަދަލު ކުރެއްވުމަށް ކަމާއި ބެހޭ ފަރާތްތަކުގައި ވަނީ އެދިފައެވެ.
މައުމޫންގެ ބަލިހާލުކޮޅު ސީރިއަސްވުމާއި ގުޅިގެން މައުމޫންއަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް އާއިލާއިން މަސައްކަތް ކުރައްވަމުން ދަނިކޮށް މިއަދު ހަވީރު މައުމޫންގެ ދަރިކަބަލުން ޔުމްނާ މައުމޫން މިވަނީ ފުލުސް އިދާރާއަށް ހާޒިރު ވުމަށް ޗިޓު ފޮނުވާފައެވެ. މިކަމަށް އިޝާރާތް ކުރައްވައި މައުމޫން ހަމީދު ވިދާޅުވީ ޑޮކްޓަރ އިރުޝާދު ދެއްވީ މުޅި އާއިލާ ހައްޔަރު ކުރާކަށް ނޫންކަމަށާއި، މައުމޫން ގެއަށް ބަދަލު ކުރެއްްވުމަށްކަމަށެވެ.
ޔުމްނާ ފުލުސް އިދާރާއަށް ހާޒިރުކުރާއިރު، ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމްއާއި ކޮއްކޯފުޅު ފާރިސް މައުމޫންގެ އިތުރުން ބައްޕާފުޅު މައުމޫންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ.