Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ބައިތުލް މަގުދިސްގެ ބައްދަލުވުމަށް ރައީސަށް ދައުވަތު

އިންޓަނޭޝަނަލް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) އޮފް ބައިތުލް މަޤްދިސްގެ 4 ވަނަ ބައްދަލުވުން ޝަރަފުވެރިކޮށް ދެއްވުމަށް، ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ދަޢުވަތު އަރުވައިފި އެވެ.

މި ބައްދަލުވުމަށް ދަޢުވަތު އަރުވައި، ފަލަސްޠީނުގެ ރައީސް ފޮނުއްވި ސިޓީފުޅު ރައީސަށް އެރުވީ، ފަލަސްޠީނު ސަރުކާރުން ދިވެހި ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަންވަރު އަލް-އަޣާ، ރައީސްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގަ އެވެ.

ރައީސް އޮފީހުގައި އިއްޔެ މެންދުރު ކުރީގައި އޮތް މި ބައްދަލު ކުރެއްވުމުގައި، ދިވެހި ރާއްޖެއަކީ ވަރަށް ގާތް އަޚުވަންތަ ޤައުމެއްކަމަށް ފަލަސްޠީނުގެ ރައްޔިތުން އަބަދުވެސް ދެކޭ ކަމުގައި އެޤައުމުގެ ސަފީރު ވިދާޅުވި އެވެ. އަދި ދިވެހި ރާއްޖެ އާއި ފަލަސްޠީނާ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ފަލަސްޠީނު ސަރުކާރުން އަބަދުވެސް ޚާއްޞަ ސަމާލު ކަމެއް ދެއްވާ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

ފަލަސްޠީނު ސަފީރުގެ ވާހަކަފުޅުގައި، ރާއްޖޭގައި އިސްލާމީ ޘަޤާފަތް ދެމެހެއްޓުމަށްޓަކައި ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ. އަދި ފަލަސްޠީނުގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ސަރުކާރަށް އަބަދުވެސް އޮންނާނެ ކަމުގައި ވިދާޅުވެ، އަރަބި ޤައުމުތަކާއި ރާއްޖެ އާ އޮންނަ ގުޅުންތައް ރަނގަޅު ކުރެއްވުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ސަބަބުން، ޢަރަބި ދުނިޔޭގައި އެ މަނިކުފާނަށް ޚާއްޞަ ޤަދަރަކާއި އިޙްތިރާމެއް ލިބިވަޑައިގެންފައިވާކަން ސަފީރު ފާހަގަ ކުރެއްވި އެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މި ޝަރަފުވެރި ދަޢުވަތު ދެއްވި ކަމަށްޓަކައި ފަލަސްޠީނުގެ ރައީސަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ދިވެހި ރާއްޖެ އިން އަބަދުވެސް ފަލަސްޠީނަށް އިތުރު ކުރިއެރުމާއި ކާމިޔާބީ އަށް އެދޭ ކަމުގައި ރައީސް ވިދާޅުވިއެވެ.

އިންޓަނޭޝަނަލް އިސްލާމިކް ކޮންފަރެންސް އޮފް ބައިތުލް މަޤްދިސްގެ 4 ވަނަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޖޫން މަހުގެ ކުރީކޮޅު އެވެ.