Last Updated: June 13, 21:28
Saturday, June 13, 2026
ރިޕޯޓް

އެސްޓިއޯ ރޯދަ ހަދިޔާ: މުއްދަތު ހަމަވާން ކައިރިވެފައިވާ ބިސް

އެސްޓިއޯއިން އެތެރެކޮށް މިފަހަރު ވިއްކި ބިސް ކޭހެއް، ފޮޓޯ: އައްޑޫލައިވް ކިޔުންތެރިއެއް

އެސްޓިއޯއިން މިއަހަރު ރަމަޟާން މަހަށް އެތެރެ ކުރި ކުކުޅު ބިހުގެ މުއްދަތު ރޯދަ މަސް ފެށުމުގެ ކުރިން ހަމަވާތީ ރައްޔިތުން ޝަކުވާ ކުރަން ފަށައިފިއެވެ.

އެސްޓިއޯ ހިތަދޫ ފިހާރައިން ބިސް ކޭސް ގަންނަން ދިޔަ މީހަކު ބުނީ ބިސް ކޭސްތައް ހުރީ މިމަހުގެ 16 ވަނަ ދުވަހަށް މުއްދަތު ހަމަވާ ގޮތަށް ކަމަށެވެ.

"ބިސް ކޭސްތައް ހުރީ މިމަހު 16އަށް މުއްދަތު ހަމަވާން، ކިހިނެއް މުއްދަތު ހަމަވާ އެއްޗެއް އަގު ދީފައި ރޯދައަށް ގަންނާނީ، އަނެއް ކޮޅުން ސާފުނުކޮށް ހުރި ބިސްތައް ހުރީ، އެކަމަކު ސަރުކާރުން އެބަބުނޭ ސާފު ނުކުރާ ބިސް އެތެރެ ނުކުރެވެނޭނެއޭ، އެސްޓިއޯ މީ އަޅެ ސަރުކާރު ނޫންތަ؟"

ބިހުގެ މުއްދަތު ހަމަވާން ކައިރިވެފައިވާތީ ބައެއް ފަރާތްތަކުން ވަނީ ބިސް ނުގަނެ އަނބުރާ ގޮސްފައެވެ. އެގޮތުން ބައެއް މީހުން ވަނީ ބިސް ކޭސްތައް އަނބުރާ އެސްޓިއޯ އާއި ހަވާލުކޮށް ފައިސާ ދިނުމަށް އެދިފައެވެ.

"މީ މިއަދަކު އެކަނި ކަމެއް ނޫން، މީއަބަދުގެ ވެސް ހާލަތު، އަބަދުވެސް މިފަދަ ގޮތަކަށް ރޯދައަށް ގެންނަ އެއްޗެއްސަށް ވަނީ، ފިޔާ ބަސްތާއެއް ގަނެގެނ ގޮސް ސާފުކޮށްލީމަ 10، 12 ކިލޯ މިލިބެނޭ، އަލުވި ބަސްތާވެސް ހަމައެވަރު، މިނޫން ފަދައެއް ނެތް، އަނެއްކޮޅުން ރޯދަ މަހުގެ ފުރަތަމަ 10 އެއް ނިމެއިރުވެސް ހިތަދޫ އެސްޓިއޯ ހުންނަ މަގުން މީހަކަށް ދުއްވާ ނުލެވޭނެ އެދުވާ ވަހަކުން، އެ އެއްޗެހި ގަނެގެން ކައިގެން މިތިބެނީ"

އެސްޓިއޯއިން ބުނީ ބިސް އެތެރެ ކުރެވޭއިރުވެސް އޮންނަނީ މުއްދަތު ހަމަވާން ކައިރިވެފައިކަމަށެވެ. ނަމަވެސް މުައްދަތު ހަމަވެފައި ހުރި އެއްޗެއް އެ މުއްދަތުގެ ފަހުން ނުވިއްކާނެކަމަށެވެ.

"އަޅުގަނޑުމެންނަށް ބިސް ލިބޭއިރުވެސް މިއޮންނަނީ 4 ހަފްތާވާން ކައިރިވެފައި، ދެން އަތޮޅުތަކަށް ފޮނުވާލައި ވިއްކަން ފެށޭއިރު އޮންނަނީ ކުޑަ މުއްދަތެއް، އެކަމަކުވެސް އެސްޓިއޯގެ ޝެލްފަކުން މުއްދަތު ހަމަވެފައި ހުރި ބިހެއް ނުވިއްކާނެ، ދެން ކަސްޓަމަރުން ޖެހޭނީ އެހާ ގިނައިން ނުގަންނަން"

އެސްޓިއޯގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ރަމަޟާން މަހަށް ހާއްސަކޮށް ކޮންމެ އަހަރަކު އެސްޓިއޯއިން ފިޔާ، އަލުވި، ބިސް ގެންނައިރު މި ބާވަތްތައް ގަތުމަށް އެތައް ބަޔަކު ގޮސް އެސްޓިއޯ ފިހާރަ ކައިރީ ކިއު ދަމާލައެވެ.

ނަމަވެސް މިއަހަރު ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވަމުންދަނީ އެކުންފުނިން އެތެރެކޮށް މިހާރު ވިއްކަން ފަށާފައިވާ ކުކުޅު ބިހުގެ މައްސަލައެވެ.

އެސްޓިއޯ ފަދަ ކުންފުނިތަކުން މިގޮތަށް ކިތަންމެ ކަމެއް ކުރިނަމަވެސް ކަމާއި ބެހޭ ފަރާތްތަކުން އެއްވެސް ފިޔަވަޅެއް ނާޅައެވެ.