ރާއްޖޭގައި ހުރި އެކިއެކި ކުޅިވަރު އެސޯސިއޭޝަންތަކުން މުބާރާތްތައް އިންތިޒާމުކޮށްގެން ބާއްވާ އިރު، އެ މުބާރާތްތަކުގައި އަތޮޅުތަކުން ވެސް ވާދަ ކުރެވޭ ގޮތަށް އިންތިޒާމު ކުރުމަކީ ކުރަން ޖެހިފައި އޮތް މުހިއްމު ކަމެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އެކިއެކި އެސޯސިއޭޝަންތަކުން މިހާރު މުބާރާތްތައް ބާއްވާ އިރު، އަމާޒު ކުރަނީ މާލެ އަށް ކަމަށެވެ. ހާއްސަކޮށް ސްކޫލްތަކަށް އަމާޒުކޮށްްގެން އެސޯސިއޭޝަންތަކުން ބާއްވާ މުބާރާތްތަައް މިހާރު މުޅިން ކަހަލަ ގޮތަކަށް ހުޅުވާލަނީ މާލޭގެ ސްކޫލްތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އެކަން އެބަ ޖެހޭ ބަދަލު ކުރަން. އެސޯސިއޭޝަންތަކަކީ މުޅި ރާއްޖެ އަށް ހިދުމަތް ކުރުމަށް އުފައްްދާފައިވާ އެސޯސިއޭޝަންތައް. އަދި އެ މުބާރާތްތައް ބާއްވަނީ ވެސް ދައުލަތުގެ ބަޖެޓުންނާއި ބޭރުގެ ފަރާތްތަކުން ވެސް ލިބޭ އެހީތަކުގެ އެހީގައި،" މޭޔަރު ވިދާޅުވި އެވެ. "އެހެންވެ މިސާލަކަށް ހަމައެކަނި މާލޭގެ ސްކޫލްތަކަށް ހުޅުވާލައިގެން އިންޓަ ސްކޫލް މުބާރާތްތައް ފަދަ ކުޅިވަރު ހަރަކާތްތައް ބޭއްވުމަކީ އިންސާފެއް ނޫން. އަތޮޅުތަކުގެ ޒުވާނުންނާއި ދަރިވަރުންނަށް ވެސް މި ފުރުސަތު ލިބެން ޖެހޭ."
މޭޔަރު ވިދާޅުވީ އެސޯސިއޭޝަންތަކުގެ ތެރެއިން އެފްއޭމާއި ވޮލީބޯލް އަދި އެތުލެޓިކްސް އެސޯސިއޭޝަން ފިޔަވައި އެހެން ކުޅިވަރު އެސޯސިއޭޝަންތަކުން އަތޮޅު ތެރޭގައި ކުޅިވަރު ކުރިއެރުވުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެފްއޭމުން ކުރިއަށް ގެންދިޔަ ވައިޑީޕީ ފަދަ ޕްރޮގްރާމްތަކުގެ ތެެރެއިން އުފެދުނު ކުޅުންތެރިން ބޮންޑާ އާއި ބަކާ ފަދަ ކުޅުންތެރިންނަކީ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ އެތުލެޓިކްސް މުބާރާތްތަކުގެ ސަބަބުން ވެސް ހުނަރުވެރި އެތުލީޓުން އުފެދިފައި އެބަ ތިބި. އެހެންވެ މިކަމަށް ސަމާލުކަން ދީގެން އެހެން އެސޯސިއޭޝަންތަކުން ވެސް މަސައްކަތް ކުރަން ޖެހޭ،" މޭޔަރު ވިދާޅުވި އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން މި އަހަރު ބާއްވާ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ވެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އައްޑޫގަ އެވެ. އަދި އަންނަ އަހަރު އޭއެފްސީ ޗެލެންހް ކަޕް ވެސް އައްޑޫގައި ބާއްވަން ވަނީ ނިންމާފަ އެވެ.