ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ފުލުހުންގެ އިދާރާއަށް ހާޒިރުވުން މާދަމާއަށް ފަސްކޮށްދެއްވުމަށް އެކަމަނާ އެދިވަޑައިގެންނެވި ނަމަވެސް އެގޮތަށް ހަމަޖައްސައި ދެވެން ނެތް ކަމަށް ފުލުހުންގެ އިދާރާއިން ޔުމްނާ އަށް އަންގައިފި އެވެ.
ފުލުހުންގެ އިދާރާއަށް ހާޒިރުވުން މާދަމާއަށް ފަސްކޮށްދެއްވުމަށް ޔުމްނާ ސޮއިކުރައްވާ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް އިއްޔެ ފޮނުއްވާފައިވާ ސިޓީގެ ޖަވާބުގައި ފުލުހުން ބުނީ ސިޓީގައި އެދިވަޑައިގެންފައިވާ ގޮތަށް ހަމަޖައްސަވައިދެވެން ނެތް ކަމަށެވެ. އެހެންނަމަވެސް އެއީ ކީއްވެކަން ފުލުހުންގެ ސިޓީގައި ހާމަކޮށްފައެއް ނުވެއެވެ.
ފުލުހަށް ޔުމްނާ އިއްޔެ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ސުވާލުކުމަށް މިއަދު ހަވީރު 16:00 ގައި ފުލުހަށް ހާޒިރުވުމަށް ފުލުހުން އަންގާފައިވާ އެންގުން މާދަމާ ހަވީރު 16:00 އަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.
އެގޮތަށް ޔުމްނާ އެދިވަޑައިގަންފައިވަނީ ދަރިފުޅުގެ ކަންކަން ބަލަހައްޓަމުން ގެންދަނީ އެކަމަނާ އެކަނިކަމަށްވެފައި ދަރިފުޅު ކައިރީ އެހެން މީހަކު ބެހެއްޓުމުގެ އިންތިޒާމް މިއަދަށް ހަމަޖެއްސެން ނެތުމާއި ގުޅިގެންކަމަށާއި އަދި އެކަމަނާގެ ދޮށީ ދަރިކަލުން މިރޭ މާލެ އަންނާތީއާއެކު ކަމަށް ޔުމްނާގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ތުހުމަތު ކުރެވޭ މައްސަލާގައި ސުވާލުކުރުމަށް ފުލުހުންގެ އިދާރާއަށް ޔުމްނާ ހާޒިރުވުން މާދަމާއަށް ފަސްކޮށްދެވެން ނެތްނަމަވެސް މިއަދު މެންދުރުފަހު 16:00 ގައި އެ އިދާރާއަށް ހާޒިރުވާނެކަމަށް ޔުމްނާ ވިދާޅުވިއެވެ.