ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑު އެހުން ކެންސަލްކޮށްފިއެވެ.
މި މައްސަލައިގައި އަރީފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ތާވަލުކޮށްފައި އޮތީ މިއަދު 13:00 ގައި ކަމަށްވާއިރު، ޝަރީއަތް ކެންސަލްކުރީ ކީއްވެގެންކަން ކޯޓުން ހާމައެއް ނުކުރެއެވެ.
އަރީފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ނެރުމުގައި އަރީފްގެ ބައިވެރިވުން އޮތް ކަމަށް ބުނެއެވެ.
ސުޕްރީމް ކޯޓުގެ އެ އަމުރާއި ގުޅިގެން ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑީޔާރު އަލީ ހަމީދުގެ މައްޗަށްވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ.