ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑޯގެ ކެރެކްޓާއެއް ހިމަނައި، އޭނާ އަޑު ވެސް އަޅާދީފައިވާ އެނިމޭޝަން ފިލްމް "އާރް10: ދަ މޫވީ" ގެ ރަސްމީ ޕޯސްޓަރު އިންޑިއާގެ މުމްބާއީގައި ބޭއްވި ހާއްސަ ހަފުލާއެއްގައި ރޮނާލްޑީނިއޯ ލޯންޗްކޮށް ދީފި އެވެ.
"އާރް10: ދަ މޫވީ" އަކީ ބަލާޖީ އެންޓަޓެއިންމަންޓާއި ސޮހައިލް ހާން ޕްރޮޑަކްޝަންސްގެ އިތުރުން އަސިސް މޮރައިރާ އެންޓަޓެއިންމަންޓްގެ ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމްގައި ރޮނާލްޑީނިއޯގެ ކެރިއަރާ ކުރިއަށް ގޮސްފައިވާ ގޮތް ދައްކުވައި ދޭނެ އެވެ. އެގޮތުން އޭނާ ޕެރިސް އެސްޓީ ޖާމަން އާއި އެފްސީ ބާސެލޯނާ އަދި އޭސީ މިލާން ފަދަ ޓީމްތަކަށް ކުޅުނު ދުވަސްވަރުގެ ހާދިސާތައް ހިމަނާފައިވެ އެވެ.
ފިލްމުގައި މައިގަނޑު ގޮތެއްގައި ކިޔައި ދޭނީ ފުޓްބޯޅަ ކުޅުންތެރިއަކު ދުނިޔެ އަށް އަންނަ އޭލިއަންތަކަކުން ދުނިޔެ ސަލާމަތް ކުރުމަށް ކުރާ މަސައްކަތެކެވެ. އެ މަސަަަައްކަތުގައި އިސް ދައުރެއް އަދާ ކުރާނީ "އާރް10" އެވެ. އެއީ ރޮނާލްޑީނިއޯ އެވެ.
ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ރޮނާލްޑީނިއޯ ބުނީ އޭނާގެ ކެރެކްޓާއެއް ހިމަނައިގެން ފިލްމެއް އުފެއްދުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި އެކަމާ ވަރަށް އުފާވާ ކަމަށް އަބަދު ހިނިތުންވެފައި ހުންނަ ރޮނާލްޑީނިއޯ ބުންޏެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ފިލްމެއްގެ މަސައްކަތްކޮށްފާނެތޯ އެހުމުން ރޮނާލްޑީނިއޯ ބުނީ ފިލްމްގައި މަސައްކަތް ކުރުމާއި ފުޓްބޯޅަ ކުޅުމުގައި މާ ބޮޑު ތަފާތެއް ހުރި ކަމަށް ގަބޫލް ނުކުރާ ކަމަށެވެ. އަދި ބްރެޒިލްގައި ދިރިއުޅުނު ނަމަވެސް އިންޑިއާގެ ފިލްމްތައް ބަލާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އާރް10: ދަ މޫވީ" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 2014 ވަނަ އަހަރު ބްރެޒިލްގައިވާ ބާއްވާ ފުޓްބޯލް ވޯލްޑް ކަޕާ ދިމާކޮށް މެއި މަހު އެވެ.
ރޮނާލްޑީނިއޯ "އާރް10: ދަ މޫވީ" ގެ ޕޯސްޓަރު މުމްބާއީގައި ލޯންޗްކޮށް ދެނީ.