އައްޑޫސިޓީއަކީ ވަކި ދައުލަތެއްގެ ގޮތުގައި ހެދުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އައްޑޫގެ ބަޔަކު ކަމަށް ބެލެވޭ ބަޔަކު ކޮށްފައިވާ މަޝްވަރާއަކީ ބަގާވާތްތެރި ރޭވުމެއް ކަމަށް ހޯމް މިނިސްޓްރީ އިން ބުނެފިއެވެ.
ލީކުވެފައިވާ އޯޑިއޯއާއި ގުޅޭގޮތުން ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގަގައި ބުނެފައިވަނީ އެކަމަކީ ދިވެހި ދައުލަތާ ދެކޮޅަށް ހިންގި ވަރަށް ނުރައްކާތެރި އަދި ބިރުވެރި ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ. އަދި އެ އަމަލަކީ ދިވެހިންގެ މެދުގައި އޮތތް އެއްބައިވަންތަކާއި އަހްވަންތަކަން ނަގާލުމަށް ހިންގި ނާތަހުޒީބު އަމަލެއް ކަމަށް ބަޔާނުގައި ވެއެވެ.
އަދި ކުރީގެ ރައީސަކު އިސްކޮށް ހުންނަވައިގެން މިފަދަ މަޝްވަރާއެއް ކުރައްވާފައި ވުމުން އިތުރަށް ކަންބޮޑުވާ ކަމަށް ބަޔާނުގައި ވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި ފަދަ މަޝްވަރާ އެއް ކުރުމުން އެގިގެންދަނީ އެކަން ކުރި މީހުންގެ ހިތްތަކުގައި ދިވެހި ރައްޔިތުންނަށްޓަކައި އެއެވެސް މިންވަރެއްގެ ލޯތްބެއް ނެތްކަމާއި އަދި މި އަމަލަކީ އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލަށް މެދުކެނޑުމެއްނެތި ދެމުންދާ ހަމާލާތަކުގެ ތެރެއިން ހަމަލާއެއްކަމަށެވެ.
ހޯމް މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުން މި މަޝްވަރާކޮށްފައިވަނީ ބަޔަކު އަމިއްލަ އެދުމުގައި ޒާތީ ކަންތަކެއް ހާސިލްކުރުމުގެ ބޭނުމުގައެވެ. އެހެންކަމުން ރާއްޖޭގެ ގާނޫން އަސާސީގެ ބާރުކަނޑުވާލައި ރާއްޖެ ބައިބައިކޮށް ވަކިވެގަތުމުގެ އަމަލެއް ހިންގުމަށް މިސަރުކާރުން ފުރުސަތެއް ނުދެއްވާނެކަމަށްވެސް ބަޔާނުގައި ވެއެވެ.
އެނގިފައިވާ ގޮތުން ލީކުފެވައިވާ އޯޑިއޯގައި މަޝްވަރާކުރެވޭ ވާހަކަތަކަކީ މި އަހަރުގެ ކުރީ ކޮޅު ކޮލަމްބޯގައި ރައީސް ނަޝީދު ހުންނަވައި ދެއްކެވި ވާހަކަތަކެކެވެ. އެ އޯޑިއޯގައި ދިވެހި ދައުލަތުން ވަކިވެ، ވަކި ދައުލަތެއް ހަދަން ހިނގާށޭ އައްޑޫ ރައްޔިތަކު ބުނުމުން "ހަތިޔާރު ނެތިއްޔާ ވަތްކެތް ނުވެވޭނެ" ކަމަށް ނަޝީދު ވިދާޅުވެ އެވެ.
ނަމަވެސް އައްޑޫ ވަރުގެ އާބާދީއެއް ވަކި ދައުލަތެއް ހަދައިގެން އުޅޭ ބްރިޓިޝް ވާޖިން އައިލެންޑްސްގެ ޓޯޓޮލާ މިސާލެއްގެ ގޮތުގައި ނަންގަވައި ނަޝީދު އެވާހަކަފުޅު ދައކަވައެވެ. އަދި އައްޑޫގައި ތިބި ސިފައިންނާއި ބެހޭގޮތުންވެސް އޯޑިއޯގައި ދެކޮޅުން މަޝްވަރާ ކުރެއެވެ.
މިއޯޑިއޯ ލީކުވުމާއި ގުޅިގެން ރައީސް ނަޝިދަށް ވަނީ އިދިކޮޅު ފަރާތްތަކާއި އެހެންފަރާތްތަކުގެ ފާޑު ކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފައެވެ. ނަމަވެސް ލީކުވެފައިވާ އޯޑިއޯއާއި ގުޅޭގޮތުން ރައީސް ނަޝީދް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.