މިހާތަނަށް ޔާޝާރާޖް ކޮމްޕެނީ އަށް ކާމިޔާބް ތިން ފިލްމް ޑައިރެކްޓްކޮށް ދީފައިވާ ކަބީރު ހާން ސާޖިދް ނަދިއަދުވާލާގެ ނަދިއަދްވާލާ ގްރޭންޑް ސަން އަށް ފިލްމެއް ޑައިރެކްޓްކޮށް ދޭން ނިންމައި އެ ފިލްމްގެ ލީޑް ރޯލަށް ސައިފް އަލީ ހާން ހަމަޖަައްސައިފި އެވެ.
މިއީ ސައިފް އާއި ކަބީރު އެކުގައި މަަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. އޭނާ އެންމެ ފަހުން އުފެއްދި "އެކް ތަ ޓައިގާ" ގައި ލީޑް ރޯލް ކުޅެފައި ވަނީ ސަލްމާން ހާނެވެ. އަދި އެ ފިލްމްގެ ބަތަލާއަކީ ކަބީރުގެ ދެވަނަ ފިލްމް "ނިއުޔޯކް" ގެ ވެސް ބަތަލާ ކެޓްރީނާ ކެއިފް އެވެ.
އެ ފިލްމްގައި ބަތަލުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ ޖޯން އަބްރަހަމް އާއި ނީލް ނިތިން މުކޭޝް އެވެ. "ނިއުޔޯކް" އަކީ ކަބީރާ އެކު ޖޯން ކުޅުނު ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ "ކާބުލް އެކްސްޕްރެސް" އެވެ.
ކަބީރުގެ އަދި ވަކި ނަމެއް ހަމަޖެހިފައި ނުވާ އާ ފިލްމާ ބެހޭ ގޮތުން "ހައުސްފުލް" ފްރެންޗައިޒް އާއި "އަންޖާނާ އަންޖާނީ" ފަދަ ފިލްމްތައް ފްރޮޑިއުސްކޮށްފައިވާ ސާޖިދު ބުނީ އެ ފިލްމާ ދޭތެރޭ ވަރަށް އުފަލުން ހުރި ކަަމަށެވެ.
"ކަބީރު މިހާތަނަށް ހެދި ތިން ފިލްމަކީ ވެސް މަށަށް ވަރަށް ކަމުދިޔަ ފިލްމްތަކެއް. އަދި މިފަހަރުގެ ފިލްމަކީ ވެސް އޭނާގެ ސްޓައިލްގައި ގެނެސް ދޭނެ ކާމިޔާބް ފިލްމްކަށް ވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ،" ސާޖިދު ބުންޏެވެ.
ކަބީރުގެ އާ ފިލްމްގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ އިތުރުން މެދު އިރުމައްޗާއި އެމެރިކާ އަދި ޔޫރަޕްގެ ގައުމުތަކުގަ އެވެ.
"މި ފިލްމަކީ މީގެ ކުރިން ހިންދީ ސިނަމާއިން ފެނިފައި ނުވާ ޕްލޮޓަކަށް އަނެއްކާ ވެސް ތައްޔާރު ކުރެވޭ ފިލްމެއް. މައިގަނޑި ގޮތެއްގައި ފިލްމްގެ ވާހަަކަ އެނބުރޭނީ ސިޔާސީ ހާދިސާތަކެއްގެ މައްޗަށް،" ކަބީރު ބުންޏެވެ. "ސައިފް އާ އެކު މަސައްކަތް ކުރެވޭތީ ވަރަށް ހިތްހަމަޖެހިފައި މިހިރީ. ސައިފަކި އަބަދުވެސް އަހަންނަަށް ވަރަށް ކަމުދާ އެކްޓަރެއް."
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކަބީރުގެ އާ ފިލްމްގެ ބަތަލާއަކީ ވެސް އޭނާގެ ފެވަރިޓް ކެޓްރީނާ އެެވެ. އެހެން ނަމަވެސް އެކަން އަދި އެއްވެސް ފަރާތަކުން ރަސްމީކޮށް ކަށަވަރު ނުކޮށް ދެ އެވެ.
ކެޓްރީނާ ވަނީ ސާޖިދު ޕްރޮޑިއުކޮށް ސިދާތު އާނަންދު ޑައިރެކްޓް ކުރާ "ބޭންގް ބޭންގް" އަށް ވެސް ސޮއިކޮށްފަ އެވެ. މި ފިލްމްގެ ބަތަލަކީ ރިތިކް ރޯޝަން އެވެ.