Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ރަމަޟާން މަހަށް ހަނދުބެލުން އަންގާރަ ދުވަހު

އިސްލާމީ މަރުކަޒު - ފޮޓޯ: ގޫގުލް

ކުރިއަށް އޮތް ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް ހެކިބަސް ދިނުމަށްޓަކައި މެޖިސްޓްރޭޓް ކޯޓުތައް އަންގާރަ ދުވަހު ހަވީރުން ފެށިގެން ހުޅުވިފައި ހުންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.

އެ ޑިޕާޓްމެންޓުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައި ކަމަށެވެ.

އަދި އަތޮޅު ތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައި ކަމަށާއި މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ އެވަގުތަކު ރަށުކައުންސިލްގެ އިދާރާ ހިންގެވުމާއި ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިފުޅު މަތީގައި ކަމަށްވެސް އެ ޑިޕާޓްމެންޓުން ބުނެއެވެ.

ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންވާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައިނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ރަށްރަށުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓަކު ނެތް ރަށެއްގައިނަމަ އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ ހަނދާބެހޭ މަޢުލޫމާތު ދެއްވުމަށް އެ ޑިޕާޓްމެންޓުން އެދެއެވެ.

ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި، ދިއުމުގެ ޓެކްސީ ޚަރަދު ދޫކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް އެ އިދާރާއިބް ބުނެއެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ މުލަ ރޯދަ ދުވަހަކީ މިހިނގާ މެއިމަހުގެ 16 ވާ ބުދަ ދުވަހެވެ.