އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު 4 މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ވަކީލުން ނިންމައިފި އެވެ.
ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް ސުޕްރީމް ކޯޓުން ކަނޑާލަން އުއްތަމަ ފަނޑިޔާރު އެންގެވި މައްސަލާގައި ކުރި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ، އެމަނިކުފާނު އިއްވާފައި ވަނީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
މިއީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެ އެވެ.
އެ ހުކުމް އިސްތިއުނާފް ކުރަން ނިންމައި، އިސްތިއުނާފަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަން އުއްތަމަ ފަނޑިޔާރުގެ ވަކީލުންގެ ޓީމުން ކަށަވަރުކޮށްދޭ ކަމަށް "މިހާރު" ނޫހުން ރިޕޯޓްކުރެއެވެ.
އެ މައްސަލަ އިސްތިއުނާފް ކުރަން އުއްތަމަ ފަނޑިޔާރަށް ލިބޭނީ 10 ދުވަހުގެ މުއްދަތެއް ކަމަށްވާއިރު، ފަނޑިޔާރުންގެ ޤާނޫނު މިހާރު އޮތް ގޮތުން، އެ މައްސަލަ އިސްތިއުނާފް ކޮށްފި ނަމަ 30 ދުވަހުގެ ތެރޭގައި ހައި ކޯޓުން އެ މައްސަލަ ނިންމަން ޖެހޭނެ އެވެ.
އެ މައްސަލާގެ އިސްތިއުނާފް މަރުހަލާތައް ނިމޭއިރު ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފި ނަމަ، އުއްތަމަ ފަނޑިޔާރު އޮޓަމެޓިކުން މަޤާމުން ވަކިވާނެ އެވެ.
މިއަދު އުއްތަމަ ފަނޑިޔާރަށް އިއްވި ހުކުމުގައި ބުނެފައި ވަނީ ސިޔާސީ އިދިކޮޅު ބައެއް ބޭފުޅުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް އަމުރުކޮށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ހުރި ކަންތައް އިތުރަށް މުރާޖައާކޮށް ދިނުމަށް އެ ކޯޓުގައި އެދުމަށް ޖެމްސް މެދުވެރިކޮށް، ސަރުކާރުން ފޮނުވި ސިޓީތައް ވެސް އެ ކޯޓުން ބަލައި ނުގަންނަ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި ބަލައި ނުގަތުމަށް ފެބްރުއަރީ 4، 5 ގައި، އުއްތަމަ ފަނޑިޔާރުގެ އަމުރަށް އެ ކޯޓުގެ ޖެމްސް ސިސްޓަމް ހުރީ ނިއްވާލާފައި ކަމަށް ދައުލަތުން ބުނެފައިވެ އެވެ.
މި މައްސަލާގައި އިއްޔެ ބޭއްވި ހުލާސާ ބަޔާން އިއްވުމުގެ ޝަރީއަތުގެ މަޖިލީހުގައި، ދައުލަތުގެ ވަކީލާ ޝަމްރާ ޝަމީމް ވިދާޅުވި ގޮތުގއި ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހުން އުއްތަމަ ފަނޑިޔާރު ޖެމްސްގެ ޚިދުމަތް މެދުކަނޑާލަން އެންގެވިކަން ސާބިތުވެ އެވެ.
ހަމައެއާ އެކު މި މައްސަލައިގައި ކޯޓުގައި ހެކި ބަސް ދިން ސުޕްރީމް ކޯޓުގެ އިސް ބޭފުޅަކު ވަނީ ޖެމްސްގެ ޚިދުމަތް ކަނޑާލަން އުއްތަމަ ފަނޑިޔާރު އިރުޝާދު ދިނުމާ ގުޅިގެން އެކަން އެގޮތަށް ކުރަން މުވައްޒަފަކަށް އަންގާފައި ވާނެ ކަމަށް ބުނެފަ އެވެ. އެ މުވައްޒަފު ވަނީ ކޯޓުގައި ހެކި ބަސް ވެސް ދީފަ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް 4 މަހާއި 24 ދުވަހުގެ ޖަލި ހުކުމެއް އިއްވި ފެބްރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން އެ މަނިކުފާނާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައި ތިބޭތާ މިހާރު ވަނީ 4 މަހެއްހާ ދުވަސްވެފަ އެވެ.