މަސް އައިނުން މަސްވެރިކަން ކުރުމަށް ބާރު އެޅުމުގެ ގޮތުން މަސްވެރިކަން ކުރާ އުޅަނދު ފަހަރަށް ފަހުގެ ޓެކްނޮލޮޖީގެ ދުރުމި ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން އާދިއްތަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކަނޑުމަހުގެ މަސްވެރިކަމުގައި ޙަރަކާތްތެރިވާ އުޅަނދުފަހަރުގައި މަސްވެރިކަމާ ގުޅުންހުރި ފަހުގެ ޓެކްނޮލޮޖީތައް ބޭނުން ކުރުމަށް ބާރު އެޅުމާއި، ކަނޑުމަހުގެ މަސްވެރިކަމުގައި ކަނދުފަތިން ކުރާ މަސްވެރިކަމުގެ ބަދަލުގައި ކަނޑުހިނގާ އައިނުން މަސްވެރިކަން ކުރުމަށް މަސްވެރިންނަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން މަސްވެރި އުޅަނދު ފަހަރަަށް އެންމެ ފަހުގެ ޓެކްނޮލޮޖީގެ ދުރުމީ ދޫކުރުމުގެ ޕްރުގްރާމުގެ ދަށުން ފޯމް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައި ކަމަށެވެ.
މިފްރޮގްރާމުގެ ތެރެއިން ދޫކުރާނީ ޚާއްޞަ ޓެކްނޮލޮޖީއެއް ހިމެނިފައިވާ ދުރުރާސްތާގެ [އިމޭޖް ސްޓެބިލައިޒިން] (އުދަރެސް ގިނަ ވަގުތު ބެލުމަށް ފަސޭހަވާފަދަ) ދުރުމިއެކެވެ.
މިއީ، ކަނޑުމަހުގެ މަސްވެރިކަމުގައި ޙަރަކާތްތެރިވާ މަސްވެރިކަންކުރާ އުޅަނދުފަހަރަށް މުޅިން ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދެވޭ ދުރުމި ތަކެއް ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
މިޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 100 ދުރުމި ދޫކުރުމަށް ވަނީ ހަމަޖެހިފައިވާއިރު، ކޮންމެ އުޅަނދަކަށް ދޫކުރަން ހަމަޖެހިފައި ވަނީ 1 (އެކެއް) ދުރުމިއެވެ. މިދުރުމި ދޫކުރާނީ އުޅަނދުގެ ވެރިފަރާތް/އޮޑިވެރިޔާ އަށެވެ.
މިޕްރޮގްރާމުގެ ދަށުން ދުރުމި ދޫކުރުމަށް ހަމަޖެހިފައި ވަނީ އަންނަނިވި ޝަރުތު ހަމަވާ އުޅަނދުފަހަރަށެވެ.
(ހ) ކަނޑުމަހުގެ މަސްވެރިކަމުގައި (ކަޅުބިލަމަހުގެ ދޮށީގެ ނުވަތަ އަތުނަނުގެ ބޮޑު ކަންނެލީގެ މަސްވެރިކަމުގައި) ޚަރަކާތްތެރިވާ އުޅަނދަކަށްވުން.
(ށ) ފާއިތުވެދިޔަ ތިން އަހަރު (2015 އިން ފެށިގެން) މަސްވެރިކަންކުރުމުގެ ލައިސަންސް ކޮންމެ އަހަރަކުވެސް އައުކޮށްފައިވާ އުޅަނދަކަށްވުން.
(ނ) ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޣައިރު ޤާނޫނީ ޙަރަކާތައްގައި ޙަރަކާތްތެރިވެފައިވާ ނުވަތަ ބޭނުންކޮށްފައިވާ އުޅަނދަކަށް ނުވުން.
މިޕްރޮގްރާމުގެ ދަށުން ދުރުމި ދޫކުރުމަށް ކަނޑައެޅިފައިވާ އަދަދަށްވުރެ ގިނަ އުޅަނދުފަހަރުން ކުރިމަތިލައިފިނަމަ، ދުރުމި ދޫކުރުމުގައި އަންނަނިވި އުޅަނދުފަހަރަށް އިސްކަން ދެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
(ހ) މަސްވެރިކަން ކުރުމުގެ ލައިސަންސްގެ ޝަރުޠުތަކާ އެއްގޮތްވާގޮތުގެ މަތިން [ދުވަހު މަސްވެރިކަމުގެ މަޢުލޫމާތު ފޯމް މިނިސްޓްރީއަށް ފޮނުވާފައިވާ އުޅަނދުފަހަރު.
(ށ) ދުރަށް ދަތުރުކޮށް ކަނޑުހިނގާ އައިނުން މަސްވެރިކަން ކުރުމުގެ ޤާބިލުކަންހުރި އުޅަނދުފަހަރު.
(ނ) ފާއިތުވެދިޔަ 3 އަހަރު ލައިސަންސް ލިބިގެން މަސް ގަތުމުގައި ޙަރަކާތްތެރިވާ ކުންފުނިތަކަށް އެންމެ ގިނަ އަދަދަކަށް މަސް ކިރުވާފައިވާ އުޅަނދުފަހަރު.
(ރ) މިނިސްޓްރީގެ ފަރާތުން މަސްވެރިކަން ރާވާ، ހިންގާ އަދި ބެލެހެއްޓުމުގަޔާއި މަސްވެރިކަން ކުރިއެރުވުމުގައި ހިންގާ އެކިއެކި ޕްރޮގްރާމް ތަކުގައި އެއްބާރުލުން ދީފައިވާ އުޅަނދުފަހަރު.
ދުރުމި ހޯދުމަށް އެދި ހުށަހަޅާނީ މިނިސްޓްރީން އާއްމުކޮށް ކަނޑައަޅާ އިޢުލާން ކުރުމުން އެކަމަށް ކަނޑައެޅިފައިވާ ފޯމު މެދުވެރިކޮށް ކަމަށާއި، ދުރުމި ދޫކުރުމަށް ކަނޑައަޅާ ފަރާތްތައް ކަނޑައަޅާނީ ޝަރުޠު ހަމަވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުތައް ވަޒަން ކުރުމަށްފަހު ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
މިޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދުރުމި ހޯދުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 20 މެއި 2018 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.
ފޯމު ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ.