Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

އޭސީސީން 280 މައްސަލަ ރަޖިސްޓްރީކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަން - ފޮޓޯ: ސަން

މިއަހަރުގެ ފުރަތަމަ ތިންމަހުގެތެރޭގައި 280 މައްސަލަ ރަޖިސްޓްރީކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ.

އޭސީސީއިން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ ތިންމަސްދުވަހުގެ ތެރޭގައި، އޭސީސީއަށް ހުށަހެޅިފައިވާ 162 މައްސަލައާއި އޭސީސީން އިސްނަގައިގެން ބަލަންފެށި 118 މައްސަލައާއެކު ޖުމްލަ 280 މައްސަލަ ރަޖިސްޓްރީކުރެވިފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 2.19 އިންސައްތައިގެ އިތުރުވުމެކެވެ.

އޭސީސީއިން ބުނީ، ރަޖިސްޓްރީކުރެވުނު މައްސަލަތަކުގެ ތެރެއިން އެކޮމިޝަނުން ދިރާސާ ކުރުމަށްފަހު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ތަޙްޤީޤުކުރުމަށް ނިންމީ 248 މައްސަލަ ކަަމަށާއި މިދިޔަ އަހަރު އެމުއްދަތުގައިވެސް ތަޙްޤީޤު ކުރުމަށް ނިންމާފައިވަނީ ވެސް 248 މައްސަލަ ކަމަށެވެ.

އޭސީސީއިން ބުނީ، އަދި އެކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން ކޮމިޝަންގެ އިޚުތިޞާސްގެ ތެރޭގައި ނުހިމެނޭ މައްސަލަތައް އެ އިޚުތިޞާސް އޮންނަ ކަމާގުޅޭ އިދާރާއަކަށް ފޮނުވަމުންދާ އުޞޫލުގެދަށުން، މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް 16 މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވިފައިވާ ކަމަށްވެސް އޭސީސީ އިން ބުނެއެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކޮމިޝަނުން އެހެނިހެން އިދާރާތަކަށް ފޮނުވާފައިވަނީ 20 މައްސަލަ ކަމަށް ވެސް އޭސީސީއިން މައުލޫމާތު ދެއެވެ.

އޭސީސީއިން ބުނިގޮތުގައި އެކޮމިޝަނުގެ އިޚުތިޞާސްގެ ތެރޭގައި ނުހިމެނޭތީއާއި، އެކަށީގެންވާ ވަރަށް މަޢުލޫމާތު ލިބިފައިނުވާތީ، 36 މައްސަލަ މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް ނުބަލާ ދޫކޮށްލާފައިވާއިރު، މިދިޔަ އަހަރުގެ އެމުއްދަތުގައި ނުބަލާ ދޫކޮށްލާފައިވަނީ 34 މައްސަލައެވެ.