ދައުލަތަށް ހުރަސް އެޅި ކަމުގެ ކުށް ސާބިތުވެ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ޝަހީދެއްގެ ދަރަޖަ ލިބިއްޖެކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އުއްތަމަ ފަނޑިޔާރަށް ހުކުމް އިއްވުމާ ގުޅިގެން އަބްދުﷲ ސައީދު ވިދާޅުވީ ޝަހީދެއްގެ ދަރަޖަ ލިބިއްޖެކަމަށާއި، އަދި މަރު ނުވާކަމަށެވެ. އަދި ގާޒީ އިބްރާހިމް އަލީއަށް އަމާޒުކޮށް ވިދާޅުވީ "އަދި ގިޔާމަތް ދުވަސް އެބައޮތް" ކަމަށެވެ. ނަމަވެސް ގާޒީ އެވާހަކަތަކަށް ސަމާލުކަމެއް ނުދެއްވައެވެ.
އުއްތަމަ ފަނޑިޔާރުގެ މައްޗަށް މިއަދު ޖަލު ހުކުމް އިއްވި އިރު އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައިވެސް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޯޓަށް ވަދެވަޑައިގެން ހުންނެވީ ވަގަކަށް ނޫންކަމަށާއި އެގޮތަށް ހުކުމް ނުކުރެއްވޭނެކަމަށެވެ.
މިއީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރެއްްގެ މައްޗަށް ޖަލު ހުކުމެއް ކުރެއްވި ފުރަތަމަ ފަހަރެވެ.