ހުޅުމާލެއިން ފްލެޓް ގަތުމަށް ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ޒުވާނުންނަށް ލޯނު ދޫކުރަން ފަށައިފި އެވެ.
އެޗްޑީއެފްސީގެ 15 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން، "ޔޫތު ޕްރޮޑަކްޓް"ގެ ނަމުގައި ފެށި މި ސްކީމްގެ ދަށުން ލޯނު ދޫކުރަނީ އެއް މިލިޔަން ރުފިޔާއަށް ވުރެ ބޮޑު ނުވާ އަދަދަކަށެވެ.
އަދި ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އުމުރުން 21 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފައިވާއިރު، މި ލޯނަކީ އެޗްޑީއެފްސީ އިން ދޭ އެހެން ލޯނުތަކަށް ވުރެ އިންޓަރެސްޓް ރޭޓު ކުޑަކޮށް ދޫކުރާ ލޯނެކެވެ. އެގޮތުން އިންޓަރެސްޓް ރޭޓުގެ ގޮތުގައި 10.5 ކަނޑައަޅާފައިވާއިރު ރަހުނުގެ ގޮތުގައި ދައްކަން ޖެހެނީ ލޯނުގެ 15 ޕަސެންޓެވެ.
އެޗްޑީއެފްސީ އިން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ މި ލޯނުގައި އަމިއްލަ ހިއްސާކުޑަކޮށް، ކުންފުނިން ދައްކަން ޖެހޭ ބައި ބޮޑުކުރުން ކަމަށެވެ. އަދި މި ސްކީމުގެ ދަށުން އެކުންފުނިންން ލޯނުގެ 85 ޕަސެންޓް ކަވަރު ކުރާނެ ކަމަށްވެސް އެޗްޑީއެފްސީ އިން ބުނެއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި އެޗްޑީއެފްސީ އިން ގުޅިގެން ކުރިއަށް ގެންދާ މި ލޯނު އަނބުރާ ދައްކަން ޖެހެނީ 30 އަހަރުގެ ތެރޭގައެވެ.
ސަރުކާރުން އެންމެ ފަހުން ތައާރަފްކުރި 7،000 ފްލެޓް މަޝްރޫއުގައި ޒުވާނުންނަށް ތިން ކެޓަގަރީއެއް ޚާއްސަކޮށްފައިވެ އެވެ. އޭގެ ތެރޭގައި އަލަތު ކައިވެނި ކުރާ މީހުންނަށާއި އުމުރުން 40 އަހަރުން ދަށުގެ މީހުންނަށް ވަކި ކެޓަގަރީއެއް ހިމެނެ އެވެ.
ޖުމްލަ 17 ކެޓަގަރީއަކަށް ބަހާލައިގެން، ހުޅުމާލޭން ދޫކުރާ މި ފްލެޓްތަކަށް އަންނަ ޖުލައި 31ގެ ނިޔަލަށް ފޯމު ދޫކުރާނެ އެވެ. ހައުސިން މިނިސްޓްރީން ބުނި ގޮތުގައިފޯމު ބަލައިގަންނަން ފަށާނީ އަންނަ މަހުގެ 3 ވަނަ ދުވަހުން ފެށިގެން ޖުލައި 31ގެ ނިޔަލަށެވެ.