ހުޅުމީދޫގައި މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ފެކަލްޓީއެއް ހުޅުވުމަށް ވިލާ ކޮލެޖާއި މޯލްޑިވްސް ލޯ އިންސްޓިޓިއުޓާ ދެމެދު ޕާޓްނާޝިޕް އެއްބަސް ވުމެއްގައި ސޮއިކޮށްފި އެވެ.
ލޯ އިންސްޓިޓިޔުޓްގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބް ހުސްނުއްސުއޫދު ވިދާޅުވީ އައްޑޫގައި އެ އިންސްޓިޓިޔުޓްގެ ފަރާތުން ލޯ ފެކަލްޓީއެއް ގާއިމް ކުރުމަކީ މީގެ ތިން އަހަރު ކުރީން ވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ. އަދި މި ވެވުނު އެއްބަސްވުމުގެ ދަށުން އެ ހުވަފެން ހަގީގަތަކަށް ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ އެއްބަސްވުމުގެ ދަށުން ލޯ އިންސްޓިޓިޔުޓްގެ ފަރާތުން ފޯރުކޮށް ދޭނެ އެހީ އަކީ އައްޑޫ ސިޓީގައި ގާއިމު ކުރެވޭ ލޯ ފެކަލްޓީއަށް ބޭނުންވާ ލެކްޗަރާއިން ހޯދައި ދިނުމާއި ފެކަލްޓީގެ މުގައްރަރު ކަނޑައެޅުން ކަމަށެވެ.
އެގޮތުން އެސްޓީއޯ އިން ހުުޅުމީދޫގައި ހަދާފައިވާ ހަތަރު ބުރީގެ އިމާރާތުގެ މަތީ ދެ ފްލޯގައި ކުރިއަށް ގެންދާ ލޯ ފެކަލްޓީގައި ވިލާ ކޮލެޖްގެ ރެކްޓާ ޑރ. އަހުމަދު އަންވަރު އާއި ގާނޫނީ ވަކީލު ޝަހުދީ އަންވަރާއި އަދި ހުސްނުއްސުއޫދު ވެސް އެ ފެކަލްޓީގައި ކިޔަވައި ދެއްވާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ފެކަލްޓީގައި ކިޔަވައި ދޭނީ އިނގިރޭސި ބަހުން ކަމަށާއި އުންމީދަކީ އަންނަ އަހަރު އެ ފެކަލްޓީ ބައިނަލްއަގްވާމީ ފެންވަރަށް ކިޔަވައިދޭ ފެކަލްޓީއަކަށް ހެދުން ކަމަށެވެ. އަދި މިހާރު ވެސް ލަންޑަންގެ ޔުނވާސިޓީ އާ ވާހަކަ ދައްކަމުން ދާ ކަމަށާއި އަންނަ އަހަރުން ފެށިގެން އެ ފެކަލްޓީން ދޫ ކުރާނީ ލަންޑަންގެ އިންޓަނޭޝަނަލް ޔުނިވާސިޓީއެއްގެ ސެޓިފިކެޓް ކަމަށެވެ.
އެ ތަނުން ހިންގާ ކޯސްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ. ކޯސްތަކާ ބެހޭ އިތުރު މައުލޫމާތު https://www.facebook.com/pages/Maldives-Law-Institute/237944982943457?hc_location=timeline ލިބޭނެ އަެވެ.
ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަންވަރު ވިދާޅުވީ އައްޑޫ ސިޓީގައި ގާއިމް ކުރެވޭ ލޯ ފެކަލްޓީ އަކީ އެސްޓީއޯގެ އެހީތެރިކަމާ އެކު ގާއިމް ކުރެވޭ ލޯ ފެކސލްޓީ އެއް ކަމަށެވެ. އެގޮތުން ލޯ ފެކަލްޓީ ގާއިމް ކުރެވޭ އިމާރާތަކީ އެސްޓީއޯ އިން ދީފައިވާ އިމާރާތެއްގައި ކަމަށް އަންވަރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އައްޑޫ ސިޓީގައި ގާއިމް ކުރެވޭ ލޯ ފެކަލްޓީގައި އަންނަ މޭ މަހުން ފެށިގެން ކިޔަވައި ދޭން ފަށާނެ ކަމަށެވެ. އެގޮތުން ފައުންޑޭޝަނުން ފެށިގެން އެލްއެލްބީ ފެންވަރަށް އައްޑޫ ސިޓީގެ ހުޅުމީދޫގައި ގާއިމް ކުރެވޭ ލޯ ފެކަލްޓީގައި ކިޔަވައި ދޭނެ ކަމަށެވެ.
މީގެ ކުރިން ލޯ އިންސްޓިޓިއުޓާއި ވިލާ ކޮލެޖާއި އައްޑޫ ސިޓީ ކައުންސިލާއީ އެސްޓީއޯ އާ ދެމެދު ވެސް ވަނީ އެއްބަސްވުމެއްގައި މާޗް 9، 2013 ވަނަ ދުވަހު ސޮއިކޮށްފަ އެވެ.