Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

އަދީބް ސިވިލް ކޯޓަށް ދެއްވި މައްސަލަ ބޭރުކޮށްލައިފި

ކުރިގެ ނައިބް ރައީސް އަހުމަދު އަދީބް، ފޮޓޯ: ރާއްޖެއެމްވީ

ލޮލުގެ ފެނުން ގެއްލުމުގެ ކުރިން ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ފޮނުވުމާއި މެދު ގޮތެއް ނިންމެވުމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ މިއަދު އެކޯޓުން ބޭރުކޮށްލައިފިއެވެ.

ލޮލުގެ ނުރައްކާތެރި ބައްޔެއްކަމަށްވާ "ގުލޮކޯމާ" ޖެހި، ލޮލުގެ ފެނުން ގެއްލިދާނެތީ، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވުމަށް އެދި އަދީބް ވަނީ ކަރެކްޝަނަލް ސާވިސް އާއި ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުގައި އެކި ފަހަރުމަތިން އެދިފައެވެ.

އަދި ޑޮކްޓަރުގެ އިރުޝާދާއި އެއްގޮތަށް ބޭސް ފަރުވާއަށް އަދީބް ރާއްޖޭން ބޭރަށް ނުފޮނުވުމާއިގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އަދީބް އެދުނީ ލޮލުގެ ފެނުން ގެއްލި ދިއުމުގެ ކުރިން، ގާޒީ ގޮތެއް ނިންމަވައި ދެއްވުމަށެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ މަހުގެ 26 ވަނަ ދުވަހު ބާއްވާފައިވާ އިރު މިއަދުގެ ޝަރީއަތުގައި ބަންޑާރަ ނައިބް އޮފީހުގެ ވަކީލް ވިދާޅުވީ މި މައްސަލަ އަކީ ސިވިލް ކޯޓުން ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ.

މީގެ އިތުރުންވެސް ވަކީލް ވިދާޅުވީ އަދީބް ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވުމަށް މެޑިކަލް ބޯޑުން ނިންމާފައި ނުވާކަމަށާއި، ގައިދީންގެ ކަންކަން ނިންމުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖްރާއުތަކެއް ހުންނަ ކަމަށެވެ. އަދި މި މައްސަލާގައި އެކަން ކަން ފުރިހަމަ ނުވާކަމަށް ވަކީލް ވިދާޅުވިއެވެ.

އަދީބްގެ މައްސަލަ ކޯޓުން މިއަދު ބޭރުކޮށްލީ ބަންޑާރަ ނައިބް އޮފީހުގެ ވަކީލްގެ ހުށަހަޅެއްވުން ތަކަށް ރިޔާއަތް ކުރެއްވުމަށް ފަހުއެވެ.