ރިޝްވަތުގެ ކުށް ސާބިތުވެ ޗައިނާގެ ވެރިކަން ކުރާ ޕާޓީ ކޮމިއުނިސްޓް ޕާޓީގެ ކުރީގެ އިސް އޮފިޝަލް ސަން ޒެންގްކައި އުމުރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.
ޗައިނާގެ ކޯޓަކުން ކޮށްފައިވާ ހުކުމުގައިވާ ގޮތުން ސުން ޒެންގްކައިއަށް އުމުރު ދުވަހަގެ ޖަލު ހުކުމެއް އައިސްފައިވަނީ 2002 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާއި ހަމަޔަށް ޗައިނާގެ އެކި އެކި މަގާމުތަކުގައި ހުރެ މަގާމުގެ ނުފޫޒް ބޭނުންކޮށް ފައިސާއާއި އެހެނިހެން މުދަލުގެ ގޮތުގައި 27 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ހިފިކަމަށް އަމިއްލައަށް ކޯޓްގައި އިއުތިރާފުވުމުގެ ސަބަބުންނެވެ.
ސަން ޒެންގްކައިގެ މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވިއިރު އެނާ ހުންނެވީ ވެރިކަން ކުރާ ޕާޓީގެ ނިންމުންތައް ނިންމާ އެންމެ އިސް ކޮމިޓީ ކަމަށްވާ ޕޮލިޓްބިއުރޯގެވެސް މެމްބަރެއްގެ ގޮތުގައެވެ.
މި ހުކުމާއައެކެ ސަން ޒެންގްކައި ވެފައިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ކޮރަޕްޝަނާއި ދެކޮޅަށް ކުރިއަށް ގެންދަވާ ކެމްޕޭނުގެ ދަށުން ފަޅާއަރުވައި ލެވުނު އެންމެ އިސް އެއް އޮފިޝަލްގެ ގޮތުގައެވެ. ނަމަވެސް ފާޑު ކިޔާ ފަރާތް ތަކުން ބުނަމުންދަނީ މި ކެމްޕޭނަކީ ޝީ ޖިންޕިންގް އޭނަގެ ސިޔާސީ ވާދަވެރީންނާ އިދިކޮޅު ފަރާތްތަކުގެ ބާރުކަނޑުވާލަން ކުރިއަށްގެންދާ ކެމްޕޭނެއް ކަމަށް ބުނަމުންނެވެ.