ކުރީގެ ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ހުރިގޮތުން އެމަނިކުފާންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ކުށުގެ ދައުވާހެ އަޑުއެހުމަށް ކޯޓަށް ހާޒިރު ނުކުރެވިގެން ޝަރީއަތް ކެންސަލްކޮށްފިއެވެ.
ރައީސް މައުމޫންގެ ވަކީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ސިއްހީހާލުކޮޅު ދެރަވެގެން، މިއަދު މެންދުރު ފަހު ބާއްވާން ތާވަލް ކުރި ޝަރީއަތަށް ހާޒީރު ކުރެވެން ނެތް ކަަމަށް ކްރިމިނަލް ކޯޓަށް ފުލުހުން އަންގާފައިވާ ކަމަށެވެ.
މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ، މައުމޫންގެ ދަރިކަލުން ޔުމްނާ މައުމޫން ވިދާޅުވީ އެކަމަނާގެ ބައްޕާފުޅު "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވަރިޓިގޯ" ބަލި ތަހައްމަލު ކުރައްވަމުން ގެންދަވާކަމަށެވެ.
މިބަލީގެ ސަބަބުން އެމަނިކުފާނަށް އަމިއްލައަށް ތެދުވި އުޅުއްވުމަކީ ރައްކާތެރިކަމެއް ނޫންކަމަށް ޑޮކްޓަރު ވަނީ އިރުޝާދު ދެއްވާފައެވެ.
މައުމޫންގެ ޝަރީއަތް ކެންސަލް ކުރެއްވި އިރު މިއަދު އެމަނިކުފާންގެ މައްޗަށް ކުރާ ދެ ޝަރީއަތް ވަނީ ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައެވެ. އެގޮތުން ފުރަތަމަ ފަށަން އޮތީ ޓެރަރިޒަމްގެ ދައުވާއެވެ. އޭގެ ފަހުން އަދުލު އިންސާފު ގާއިމު ކުރަން ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތް ބޭއްވުމަށް އޮތީ ތާވަލްކޮށްފައެވެ.