Last Updated: June 24, 03:22
Tuesday, June 23, 2026
ދުނިޔެ

މެލޭޝިއާގެ އާންމު އިންތިހާބު ކުރިއަށް

މެލޭޝިއާގެ ތާރީހުގައި މިހާތަނަށް ކުރެވޭ ސިޔާސީ އެންމެ ވަރުގަދަ ކުރިމަތިލުމުގައި ވޯޓްލުމަށް މެލޭޝިއާގެ ރައްޔިތުން ނިކުމެއްޖެއެވެ. މިއިންތިހާބުގައި މެލޭޝިއާގެ މިހާރު ވެރިކަންކުރާ ބީ.އެން ކޯލިޝަންއިން ބޮޑު ވަޒީރު ނަޖީބް ރަޒާކްއާއި ވާދަކުރަނީ އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޑރ.މަހާތިރް މުހައްމަދް އެވެ.

އިންތިޚާބުގައި ބޮޑުވަޒީރު މުހައްމަދު ނަޖީބު އަބްދުއްރައްޒާޤަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކޮރަޕްޝަނުގެ މައްސަލަތަކެވެ. މިއިން އެއްވެސް ކަމެއް ސާބިތު ވެފައެއްނުވެއެވެ.

61 އަހަރު ވެރިކަންކޮށްފައިވާ ބީ.އެން ގެ މައްޗަށް ކާމިޔާބު ހޯދުމަކީ އުދަނގޫކަމަކަށް ވިޔަސް މުހައްމަދު ނަޖީބަށް ދިމާވެފައިވާ އެނެއް ގޮން ޖެހުމަކީ ކުރީގެ ބޮޑުވަޒީރު ޑރ.މާހާތިރް މުހައްމަދު އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ނިކުމެވަޑައިގަތުމެވެ.

ޑރ. މަހާތިރް އަކީ އެގައުމުގެ ބޮޑުވަޒީރުކަން އެންމެ ދިގު މުއްދަތަކަށް ކުރައްވައި ރައްޔިތުންގެ މަގްބޫލުކަން ހޯއްދަވާފައިވާ ބޭފުޅެކެވެ. މިހާރުގެ އިދިކޮޅު ކޯލިޝަން ހިންގާ މާހާތިރް ބީ.އެން ކޯލިޝަން އިން ވަކިވެވަޑައިގަތީ 2016 ވަނައަހަރު ބޮޑުވަޒީރު ނަޖީބް ރަޒާކްގެ އެންމެ ގާތް ލަފާ އަރުވާ ބޭފުޅެއްގެ ގޮތުގައި ހުންނެވުމަށް ފަހުގައެވެ.

މިއިންތިހާބުގައި ގާނޫން ހަދާ މަޖިލީހުގެ 222 ގޮނޑިއާއި މެލޭޝީއާގެ 505 ސްޓޭޓެއްގެ ގޮނޑިއަށް މެންބަރުން ހޮވުމަށް ވޯޓްލުން ކުރިއަށްދާނެއެވެ. މެލޭޝިއާ ގަޑިން ހެދުނު އަށަކުން ހަވީރު ފަހަކާއި ހަމައަށް ކުރިއަށްގެންދާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 14.4 މިލިއަން ރައްޔިތުންނަށް ލިބިފައިވާއިރު، 8253 ވޯޓްލާ މަރުކަޒު އެގައުމުގައި ބެހެއްޓިފައި ވެއެވެ.