Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ވަކީލަކު ހަމަޖައްސަން ޔުމްނާ އަށް 5 ދުވަސް

މެއި 7، 2018: ޕޮލިހަށް ވަޑައިގަތުމަށް ފަހު ޔުމްނާ މައުމޫން، އެމްއެމްއޭ ސަރަހައްދުގައި މަޑުކޮށްލައިގެން. - މުހައްމަދު ޝަރުހާން / ރާއްޖެ އެމްވީ

ރާއްޖޭގެ ގާނޫނީ ސަރުކާރު ރިޝްވަތުދީގެން ވައްޓާލަން އުޅުމުގެ ތުހުމަތުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަބަލުން ޔުމްނާ މައުމޫންއަށް ވަކީލަކު ހަމަޖައްސަން 5 ދުވަހުގެ މުއްދަތެއް ފުލުހުންދީފިއެވެ.

ޔުމްނާއަށް ވަކީލަކު ހަމަޖައްސަން އިތުރު 5 ދުވަސް ދިނީ މިއަދު ހަވީރު 4 ޖެހިއިރު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށްފަހުއެވެ. ޔުމްނާ އިއްޔެ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމުން ވަކީލަކު ހަމަޖައްސަން ބޭނުންކަމަށް ވިދާޅުވުމުން އެފުރުސަތު ދިނުމަށްފަހު ފޮނުވާލީ މިއަދު އަލުން ވަކީލަކާއި އެކު ހާޒިރުވުމަށް ޗިޓު ހަވާލުކުރުމަށްފަހުއެވެ.

ޔުމްނާ ވަނީ އާއިލާގެ ތިން ބޭފުޅަކު ބަންދުކޮށްފައި ތިބުމުން ވަކީލުން ބުރަކޮށް އުޅުއްވާތީ، ވަކީލަކު ހަމަޖެއްސުމަށް 5 ދުވަސް ދިނުމަށް އެދި މިއަދު ފުލުހަށް ސިޓީއަކުން އެދިފައެވެ. އެސިޓީއަށް ފުލުހުން ޖަވާބު ދެއްވީ ފުރުސަތު ދެވެން ނެތްކަމަށެވެ. ނަމަވެސް އަލުން މިއަދު ފުލުސް އިދާރާއަށް ހާޒިރުވުމުން އެފުރުސަތުވަނީ ދީފައެވެ.

ޔުމްނާގެ މައްޗަށް ސަރުކާރު ވައްޓާލުމަށް އުޅުއްވިކަމަށް ތުހުމަތު ކުރާއިރު އެކަމަނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އާއި ފިރިކަލުން މުހައްމަދު ނަދީމް އާއި ކޮކޯފުޅު އަހުމަދު ފާރިސް ވަނީ ހަމަ އެއްތުހުމަތެއްގައި ހައްޔަރުކޮށްފައެވެ.