ލީކްކޮށްލާފައިވާ އެންޓި ކަރަޕްޝަން ކަމިޝަންގެ ރައީސް ހަސަން ލުޠުފީގެ ބަޔާނުން ޕީޕީއެމްގެ ނައިބް ލީޑަރ ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުﷲ އަބްދުއް ރަހީމް (އަދުރޭ)ގެ މައްޗަށް ތަހްގީގެއް ހިންގަން ޖެހޭކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ އަބްދުﷲ އަހުމަދު (އަބުޅޯ) ވިދާޅުވެއްޖެއެވެ.
ސުޕުރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ ނެރުނު އަމުރާއި ގުޅިގެން އޭސީސީގެ ރައީސް ހަސަން ލުޠުފީ ވަނީ ސިއްރު ބަޔާނެއް ފުލުހުންނަށް ދީފައެވެ. މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ބަޔާންގައި ލުޠުފީ ވިދާޅުވީ މެލޭޝިއާގައި އަދުރޭ އާއި ސުޕުރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އާއި އެކު ރޭގަނޑު ކެއުމެއްގައި ބައިވެރިވިކަމަށެވެ.
ACC Ge Raees Luthufee Ge #SIRRU Bayaanun @Banafsaa Ge Mahchan Thahugeegeh Hingan Jehey. @PoliceMv pic.twitter.com/kSkK164dc6
— عبدالله أحمد (@AblhoMP) May 8, 2018
ލުޠުފީ ވިދާޅުވީ، އަލީ ހަމީދުގެ އެދުމުގެ މަތިން އެކެއުމުގައި ބައިވެރި ނުވާން ދެންނެވިކަމަށެވެ. އަދި އެގޮތަށް ދެންނެވީ، އަދުރޭ އަކީ ޕީޕީއެމްގެ ނައިބް ލީޑަރ އަށް ވުމުން އެކެއުމަށް ނުދެވޭނެކަށެވެ. ނަމަވެސް ފަހުން އަލީ ހަމީދު އާއި ލެމަންގްރާސް އާތިފް އާއި އެކު ކެއުމުގައި ތިއްބާ އެތަނަށް އަދުރޭ ވަޑައިގެންނެވިކަމަށެވެ.
ބަޔާނުގައި ލުޠުފީ ވިދާޅުވީ ފަނޑިޔާރު އަލީ ހަމީދު އާއި ޖުޑިޝަލް ސާވިސް އެޑްމިނިސްޓްރޭޝަންގެ ވެރިޔާ ހަސަން ސައީދުއަށް ރައީސް ޔާމީނާއި ދެކޮޅަށް ކަމެއް ނުކުރެއްވުމަށް އިންޒާރު ކުރެއްވި ކަމަށެވެ.
އަދުރޭގެ މައްސަލަ ތަހްގީގު ކުރެއްވުމަށް އަބުޅޯ ގޮވާލެއްވި އިރު ސުޕުރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ނެރުނު ކުއްލި ހާލަތުގެ މުއްދަތުގައި ކޮންމެ ދުވަހަކު އަދުރޭ ނޫސް ކޮންފަރެންސް ބާއްވައި ހެއްދެވި ނަމަވެސް މިފަހުން ޕީޕީއެމް ބާއްވާ ހަރަކާތަކުން އަދުރޭ ފެނިފައިނުވެއެވެ. އެހެންވެ ސޯޝަލް މީޑިއާގައި އަދުރޭއަށް ފާޑުކިއުން ވަނީ އިތުރުވެފައެވެ.