އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅުން ނެރޭ ކެންޑިޑޭޓަކު ނިންމާނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެތޭގެ އިންތިހާބުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ އެމަނިކުފާން ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއްލާން ކުރައްވާފައެވެ. އެއާއި އެކު ކެމްޕެއިން މެނޭޖަރަކަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމް މިވަނީ ހަމަޖައްސަވާފައެވެ.

އެމްޑީޕީގެ ގައުމީ މަޖްލިސްއަށް ނަޝީދު އަމިއްލައަށް ހުށަހެޅުއްވި ގަރާރަށް މެމްބަރުން ތާއިދުކޮށް ޕްރައިމަރީ މިމަހު 30ގައި ބާއްވަން މިވަނީ ނިންމާފައެވެ. އެމްޑީޕީގެ ޕްރައިމަރީއަށް ނަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ އިރު އަދިއެކަމަށް ނަޝީދު ފިޔަވައި އިތުރު ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވެއެވެ.
މީގެ ކުރިން ޕްރައިމަރީގައި ވާދަކޮށްފާނެކަމަށް އަޑު ފެތުރުނު ކުރީގެ މަޖްލިސްގެ ރައީސް އަބްދުﷲ ޝާހިދު މިވަނީ ރައީސް ނަޝީދު އާއި ބައިއަތު ހިއްޕަވައި، ޕްރައިމަރީގައި ވާދަ ނުކުރައްވާނެކަން ހާމަކޮށްފައެވެ.
ނަޝީދު ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއްލާން ކުރެއްވުމާއި އެކު އެމަނިކުފާންގެ ސަޕޯޓަރުން މިވަނީ އެކި ދިމަދިމާލުން ފޯރި އާއި އެކު ކެމްޕެއިންއަށް ތައްޔާރުވާން ފަށާފައެވެ. ނަޝީދު ވަނީ ލަންކާގައި ހުންނަވައިގެން ސްކައިޕް މެދުވެރިކޮށް ރާއްޖޭގައި ތިއްބެވި ކެމްޕެއިން އިސްފަރާތްތަކާއި މަޝްވަރާ ކުރައްވާފައެވެ.
އެއާއި އެކު މުޅި ސޯޝަލް މީޑިއާގައި މިހާރު ދައުރުވަނީ ރައީސް ނަޝީދުގެ "ޖަޒީރާ ރައީސް"ގެ ޕޯސްޓަރެވެ.
ޖަޒީރާ ރައީސްގެ ގޮތުގައި ނަޝީދު "މާ ފުރިހަމަ އެހެން ރާއްޖެއަކަށް" ދަތުރު ފައްޓަވާ އިރު އަދިވެސް އެމަނިކުފާން ހުންނެވީ 13 އަހަރުގެ ޖަލު ހުކުމެއްގެ ކަސްތޮޅުގައެވެ. ސަރުކާރުން ބުނަމުންދަނީ ސްޕުރީމް ކޯޓަކަށްވެސް ނަޝީދުގެ ހުކުމް ބާޠިލް ކުރަން ލާހިކައެއް ނޫންކަމަށެވެ.
ނަމަވެސް އދ. އާއި ބައިނަލް އަގްވާމީ ދުނިޔެއިން ގޮވާލަމުންދަނީ ނަޝީދުގެ ހުކުމް އުވާލައި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށެވެ.