ރައީސް ޔާމީންގެ 5 އަހަރުގެ ސަރުކާރު ނިމި ރިޔާސީ އިންތިހާބަށް ބޯމަތިވެފައިވާ އިރު ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ހުރިހާ ލީޑަރުން ތިއްބެވީ ޖަލުގައެވެ. ނޫންނަމަ ޖަލު ހުކުމެއްގައެވެ.
ސިޔާސީ ވާދަވެރިއެއް ފެންނަން ނެތި އިންތިހާބަށް ނިކުންނަވަން ރައީސް ޔާމީން ތައްޔާރު ވަމުން އަންނަ އިރު އެމަނިކުފާންގެ ވެރިކަން ގާނޫނީ ހަމަތަކުގެ މަތިން ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން ހުންނެވީ ޖަލުގައެވެ.
އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް މިވަނީ އިއްވާފައެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ ފުރަތަމަ ހައްޔަރުކޮށް ޖަލަށް ހުކުމް ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ. ޓެރަރިޒަމްގެ ދައުވާ އުފުލައި ނަޝީދު 13 އަހަރަށް ޖަލަށް ހުކުން ކުރެވުނީ "ފަޓާސް ބަރިއެއް ހެން" ފެށި ޝަރީއަތް 19 ދުވަހުގެ ތެރޭގައި ނިންމައި ހުކުމް ކޮށްގެންނެވެ.
ރައީސް ޔާމީމްގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލީ ނުރައްކާތެރި ހަތިޔާރު އެތެރެކޮށް ގެންގުޅުނުކަމުގެ ކުށެވެ. ނާޒިމްގެ މައްޗަށް ކުށް ސާބިތުކޮށް ހުކުމް ކުރީ 11 އަހަރަށް ޖަލަށްލާށެވެ. ނާޒިމް ގެންދަވަނީ ޖަލުގައި އެހުކުމް ތަންފީޒު ކުރައްވަމުންނެވެ.

ރައީސް ޔާމީންގެ ސަރުކާރު ފާލުން ނެއްޓި، ކަރަޕްޝަން އާއްމުވެ، ގާނޫނުތައް ބޭނުން ގޮތަކަށް ބަދަލުގެނެސް ރައްޔިތުންނަށް "އަނިޔާ" ކުރަމުންދާތީ އިދިކޮޅު ފަރާތްތަކާއި އެކު މަގު މައްޗަށް ނިކުމެ އަޑުއުފުއްލެވި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން "ޓެރަރިސްޓް ލޭބަލް" އާއި އެކު ޓެރަރިޒަމް ކުސް ސާބިތުވެ އޮންނެވީ 12 އަހަރުގެ ޖަލު ހުކުމެއްގައެވެ.
ނަޝީދު، ނާޒިމް، އިމްރާންގެ މައްޗަށް ދައުވާ އުފުލި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒުވެސް މިވަގުތު އޮންނެވީ ޓެރަރިޒަމް ކުށް ސާބިތުވެ، ޖަލުގައެވެ.
ރައިސް ޔާމީންގެ ނައިބް ރައީސް އަހުމަދު އަދީބް ހައްޔަރު ކުރެވި 33 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ އިރު ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްވެސް ވަނީ ޖަލަށް ހުކުމްކޮށްފައެވެ.
ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރު ނިމެން މަދު ދުވަސްކޮޅަކަށްވެފައިވާ އިރު، މިވަގުތުވެސް މަޖްލިސްގެ ހަތަރު މެމްބަރުން ތިއްބެވީ ޖަލުގައެވެ. ކުރީގެ ރައީސް މައުމޫން އޮންނެވީ ޖަލުގައެވެ. އިތުރު ބައެއް މެމްބަރުންގެ މައްޗަށް ދައުވާ އުފުލެމުން އަންނަ އިރު ކުރިން އެންމެ ބޮޑު ފާޑު ކިއުންތައް އަމާޒުވަމުން ދިޔަ، ފަނޑިޔާރުންވެސް މިވަގުތު ތިއްބަވަން ޖެހެނީ ބިރުވެރިކަމެއްގައެވެ.
ސުޕުރީމް ކޯޓުގެ 5 ފަނޑިޔާރުން ކުރެން މިވަގުތު ކޯޓު ހިންގަވަން ތިއްބެވީ ތިން ފަނޑިޔާރުންނެވެ. އުއްތަމަ ފަނޑިޔާރަށް ޖަލު ހުކުމް އައިސްފައިވާ އިރު ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލިފައެވެ.
މީގެ ކުރިން ސިޔާސީ ލީޑަރުން ޖަލަށް ހުކުމްކުރެއްވި ފަނޑިޔާރުން ތިއްބެވީ "އެކަހެރި" ކުރެވިފައެވެ. މަޖްލިސް އޮތީ މަރު ތަޅު އެޅުވިފައެވެ.
ކަންތައް މިހެން ވެފައިވަނިކޮށް ރާއްޖޭގައި މިނިވަން އިންސާފުވެރި ރިއާސީ އިންތިހާބެއް ބޭއްވިދާނެތޯ ބޭރުގެ ފަރާތްތަކުންނާއި ދިވެހިން ދަނީ ސުވާލު އުފައްދަމުންނެވެ.
އެމެރިކާއިން ރާއްޖެއާއި ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އަތުލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުތައް ހޯއްދަވަން މަސައްކަތް ކުރެއްވި ކުރީގެ ދެ ރައީސުންނާއި ނައިބު ރައީސަކާއި ސިޔާސީ ޕާޓީ ލީޑަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ޖަލަށް ލާފައިވާ ކަމަށެވެ. ރާއްޖޭގެ މި ހާލަތާ މެދު އޭނާ ކަންބޮޑުވުން ފާޅު ކުރައްވައި، އިންތިހާބު މިނިވަންވެދާނެތޯ ވަނީ ސުވާލު އުފައްދަވައިފަ އެވެ.
ފަހަރަކު މީހަކު ޖަލަށް ލަމުން ގޮސް މިއަދު އުއްތަމަ ފަނޑިޔާރު ޖަލު ގޮޅި ކަށަވަރުވުމުން ހަނދާން ވަނީ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމް ހައްޔަރު ކުރުމުގެ ކުޑައިރުކޮޅެއް ކުރިން ވިދާޅުވި ބަސްކޮޅެވެ. "އެއްވެސް ރައްޔިތަކަށް ރައްކާތެރިކަމެއް ނެތް" ކަމަށް ވިދާޅުވި ވިދާޅުވުމެވެ.
ޖަލު ހުކުމުގެ ސިލްސިލާއަށް އަދި ނިމުމެއް ނެތެވެ. މިއަދާއި، މާދަމާވެސް އޮތީ ޓެރަރިޒަމްގެ ދައުވާ ތަކެވެ. މުޅިންވެސް ސިޔާސީ ފަރާތްތަކަށެވެ. ކުޅި ބަލަމާ ހިނގާށެވެ.